ތ.މަޑިފުށީގައި ބެޑްމިންޓަންގެ ހަރަކާތްތައް ތައާރަފްކުރުމުގެ ގޮތުން އެ ރަށުގައި އަހަރު ދުވަހަށް ދަންމާލައިގެން ކުރިޔަށްގެންދާ ހާއްސަ ޕްރޮގްރާމްތައް ލޯންޗުކޮށްފިއެވެ.

މިއީ މަޑިފުށީ ޒުވާނުންތަކެއްގެ އިސްނެގުމާއެކު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މަޑިފުށީ ކައުންސިލްގެ އިތުރުން މަޑިފުށީ ޔޫތު ސެންޓަރާއި މަޑިފުށި ސްކޫލް ގުޅިގެން ބާއްވާ މި ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް ލޯންޗުކޮށްދެއްވީ މަޑިފުށި ކައުންސިލުގެ ނާއިބު ރައީސް އައްބާސް އަހުމަދެވެ.

މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައި ވަނީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ. މިއީ އެ ރަށުގެ ސްކޫލްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން 13-15 އަހަރާއި ދެމެދުގެ 50 ވަރަކަށް ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޝަޓަލް ޓައިމް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުއެވެ.

ވައިޑީޕީ ޕްރޮގްރާމަށްފަހު ޒުވާނުންނަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއީ މަޑިފުށީގައި ބެޑްމިންޓަންގެ ޖީލެއް ބިނާކޮށް، އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ރަށުގައި ބެޑްމިންޓަންގެ ފޯރި އިތުރުކުރުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމެކެވެ.

ވައިޑީޕީ ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔައިދޭނީ ބެޑްމިންޓަން އެސޯސިއޭޝަންގެ މެމްބަރު، އަދި އަމްޕަޔަރ ކޯސް ފުރިހަމަކޮށްފައިވާ އަހުމަދު ޒިޔާމް އެވެ. މީގެއިތުރުން އެ ރަށުގެ ބެޑްމިންޓަންގެ ތަޖުރިބާހުރި އިތުރު ޒުވާނުންތަކެއް މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔައިދޭނެއެވެ.

މަޑިފުއްޓަކީ ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު އުޅޭ ރަށެކެވެ. އަދި އަތޮޅު ފެންވަރުގައި ވެސް ގައުމީ ފެންވަރުގައި ވެސް ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ.