އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި ޓޮޓެންހަމާއި ޗެލްސީ ބައްދަލު ކުރި މެޗުގެ ދެ ވަނަ ހާފްގައި ގިނަ ބަޔަކު ހައިރާންކޮށްލި ކަމަކީ ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔާ ދަނޑުން ފައިބައިގެން ޗޭންޖިން ރޫމަށް ވަދެގެން ދިޔަ ތަނެވެ. ޑަޔާގެ ފަހަތުން ޓޮޓެންހަމްގެ ކޯޗު ޖޯސޭ މޮރީނިއޯ ވެސް ދުއްވައިގަތެވެ. މެޗު ބަލަން ތިބި ގިނަ ބަޔަކަށް ވެގެން އުޅޭ ގޮތެއް ނޭނގި އެތައް ސުވާލެއް ކުރިއެވެ.

ބައެއް މީހުން ހީކުރި ގޮތުގައި މެޗުގެ ދެ ވަނަ ހާފް ނިމެން އުޅެނިކޮށް ޑަޔާ ބަދަލު ކުރީއެވެ. އެކަމަކު، މޮރީނިއޯ އޭނާގެ ފަހަތުން ދުއްވައިގަތުމާ ގުޅިގެން އެމީހުންގެ ރާގު އެއްކޮށް ބަދަލުވިއެވެ. ފަހުން އެނގުނު ގޮތުގައި އުމުރުން 26 އަހަރުގެ ޑިފެންޑަރު ދިޔައީ ފާހަނާ އަށެވެ. އަދި މޮރީނިއޯ އޭނާގެ ފަހަތުން ދިޔައީ ވީހާވެސް އަވަހަށް ދަނޑަށް އެރުމަށް އެދި އާދޭސް ކުރުމަށް ކަމަށްވެއެވެ. އެކަން އޭނާ ކާމިޔާބު ވެސް ކުރިއެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލަށް ޓޮޓެންހަމް ދަތުރު ކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެ ޓީމު 1-1 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އެ ޓީމް ކުރި ހޯދައިގެންނެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ޓޮޓެންހަމް ކުރި ހޯދީ 5-4 ގެ ނަތީޖާއަކުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޑަޔާ ބުނީ އެ ވަގުތު ދަނޑުން ފައިބައިގެން ދިއުމުން މޮރީނިއޯ ހިތްހަމަނުޖެހުނު ކަމަށެވެ. އެކަމަކު، ފާހަނާ އަށް ދާން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން ކުރަން ޖެހޭނެ ކަން ވެސް ޑަޔާ ފާހަގަ ކުރިއެވެ. ފާހާނައަށް ދިޔައީ ވަރަށް ބޮޑަށް ބަނޑަށް އުނދަގޫވެ އަކުނި ވަޔަށްވެސް ދަމަން ފެށުމުން ކަމަށާއި ދަނޑުން ފައިބާ ވާހަކަ ޑިފެންސްގައި ތިބި ކުޅުންތެރިން ގާތު ބުނި ކަން ޑަޔާ ފާހަގަ ކުރިއެވެ.

މޮރީނިއޯ ބުނެފައި ވަނީ ޑަޔާ ފާހަނާ އަށް ދިޔައީ ދާން ޖެހިގެން ކަމަށާއި ޑަޔާގެ ފަހަތުން ދިޔައީ ކުރަން ދިޔަ ކަންތައް އަވަސް ކުރުވުމަށް ކަމަށެވެ. އަދި ޑަޔާއަށް ފާހާނައަށް ދާން ޖެހުނީ ފިޓްނަސްގެ މައްސަލަތަކަކާ ހުރެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް ގަބޫލު ކުރެވުނީ އަހަރެން ދާން ޖެހޭ ކަން، އޭނާ އަށް ޕްރެޝަރުކޮށްގެން ބާކީ އޮތް ވަގުތު (ކުޅުވަން.) އޭނާއަކީ ރަނގަޅު މިސާލެއް އެންމެންނަށް ވެސް،" ޑަޔާ އަށް ފަހުން ތައުރީފްކޮށް ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނި ގޮތުގައި 48 ގަޑިއިރުގެ ތެރޭގައި ދެ މެޗު ކުޅުވުމަކީ އިންސާނުން ލައްވާ ކުރުވަން ހެޔޮވާވާރު ކަމެއް ނޫނެވެ. ޑަޔާ ދެ މެޗުގައި އެވަރަށް ކުޅުމަކީ އާދަޔާ ހިލާފު ހަކަތައެއްގެ ސަބަބުން ކުރެވޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މަ ހީކުރީ މޮރީނިއޯ ދިޔައީ ފައިހިއްޕަންކަމަށް!

    14
    8
  2. އަަލީ

    ރެޕްރީ ކައިރީ އަންގާފަ ފާހަނައަށް ދިޔަަނަމަ ދޯ އޭރުން ކަށިފުމީމަ މެޗު މެދުކަނޑާލާނު އެވަރުވެސް ޑަޔާ އަކަށް ނުވިސްނުނު....

    3
    3
  3. ކަކި

    ޙާހާ

    3
    1