އެވަޓަން ޓީމުގެ ކުޅުންތެރިއަކު ކުޑަކުއްޖަކާއި ޖިންސީ ގުޅުން ހިންގި ކަަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިފަދަ މައްސަލައެއް ފެންމަތިވި ނަމަވެސް، އެއީ އެޓީމުގެ ކޮން ކުޅުންތެރިއެއް ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ. ހަމަ އެކަނި ރިޕޯޓް ކޮށްފައިވަނީ އެއީ ފުރަތަމަ ޓީމުގެ ކުޅުންތެރިއެއް ކަމަށެވެ.

އިނގިރޭސިވިލާތު ފުލުހުން ބުނީ، ކުޑަކުއްޖަކާއި އެކީ ޖިންސީ ގުޅުމެއް ހިންގި ތުހުމަތުގައި އެޓީމުގެ ކުޅުންތެރިއަކު ހައްޔަރު ކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން އެ ކްލަބުން ބުނީ، އެކަމަށް ދޭން ޖެހޭ އެއްބާރުލުން ކްލަބްގެ ފަރާތުން ދޭނެ ކަމަށާއި ތަހުގީގު ނިމެންދެން ކުޅުންތެރިއާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެކްލަބްގެ ކުޅުންތެރިއެއްގެ ފަރާތުން މިފަދަ މައްސަލައެއް ދިމާވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އެއީ ކޮން ކުޅުންތެރިއެއް ކަން ހާމަ ކުރުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

މިދިޔަ ހުކުރު ދުވަހު އޭނާ ހައްޔަރުކުރި ނަމަވެސް، ފުލުހުން ވަނީ އޭނާގެ ބަޔާން ނަގައި ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

މިފަދަ މައްސަލައެއް އެވަޓަން ކުޅުންތެރިއެއްގެ ފަރާތުން ފެންމަތިވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ކްލަބްގެ މޭނަޖަރު ބަދަލުކޮށް އެކްލަބުން މިހާރު އަންނަނީ އަންނަ ސީޒަނަށް ތައްޔާރުވުންތައް ފަށާފައެވެ. އެގޮތުން އަންނަ މަހުގެ 14 ވަނަ ދުވަހު ގޫޑިސަން ޕާކުގައި ސައުތްއެމްޓަމް އާއި ދެކޮޅަށް އެޓީމު ނިކުންނަން ވަނީ ތައްޔާރުވެފައެވެ.