ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިއަހަރުގެ ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ.

މިމަހުގެ 1 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް، ގްރޫޕު 1 ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އެފްސީ ދޫނޑިގަލޯނާ ޓީމެވެ. އެ ޓީމުން ވަނީ ގްރޫޕު ސްޓޭޖުގައި ކުޅުނު 3 މެޗުން 22 ލަނޑު ޖަހާފައެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުން ސެމީގައި ކުޅޭ މިސްކިތްމަގު ޓީމު ބަލިވެފައި ވަނީ ހަމައެކަނި ދޫނޑިގަލޯނާ އަތުންނެވެ.

ގްރޫޕު 2 ގައި ހޯދަޑު ސްޕޯޓްސް ވަނީ ކުޅުނު 2 މެޗުވެސް ކާމިޔާބުކޮށް އެ ގްރޫޕުގެ 1 ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރު ކޮށްފައެވެ. މިގްރޫޕުން 2 ވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދިޔައީ އެފްސީ ދަޑިމަގު ޓީމެވެ.

ފުވައްމުލައް ސިޓީގެ 4 އަވަށަކުން ޖުމްލަ 7 ޓީމު ބައިވެރިވާ މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު 15:50 ގައި ބައްދަލުކުރާނީ 'އެފް ސީ ދޫނޑިގަލޯނާ' އާއި 'އެފް ސީ ދަޑިމަގު' އެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި މިއަދު 16:50 ގައި ބައްދަލުކުރާނީ 'ހޯދަޑު ސްޕޯޓްސް' އާއި 'މިސްކިތްމަގު' ޓީމެވެ.

މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި މަޝްޙޫރު ބައެއް ތަރިން ކަމަށްވާ އަލީ ހާފިޒު އާއި އިބްރާހީމް އަސްވަދުއާއި، އަލީ ލިރުވާމް ފަދަ ކުޅުންތެރިން ކުޅެމުންދެއެވެ.

ކޮންމެ އަހަރަކުވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ބާއްވަމުންދާ މި މުބާރާތުގެ މި އަހަރުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.