މިއަހަރަކީ ކުޅިވަރުގައި ރާއްޖެ އަށް ކާމިޔާބު އަހަރެކެވެ. ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭން ވާދަކުރަން ފެށި ހިސާބުން މިހާތަނަށް މިގައުމުން ޖުމްލަގޮތެއްގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ މިއަހަރުއެވެ. ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ހާސިލްކޮށްފައި ނުވާވަރުގެ ބޮޑެތި ކާމިޔާބީ ތަކެއް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ފުރަތަމަ އަހަރުގައި ވަނީ ހޯދައިފަ އެވެ.

އެގޮތުން ރައީސް ސާލިޙުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި އެކިއެކި ކުޅިވަރުތަކުން ދިވެހި އެތްލީޓުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް މުޅިއެކު 36 މެޑަލް ހާސިލްކޮށްފައެވެ. އެއީ 11 ރަން މެޑެއްޔާއި އަށް ރިހި މެޑަލްގެ އިތުރުން 17 ލޯ މެޑެއްޔެވެ. މިއީ މިހާތަނަށް އެއް އަހަރެއްގެ މައްޗަށް އެންމެ ގިނައިން ރާއްޖޭން މެޑަލް ކާމިޔާބުކުރި ފަހަރެވެ.

ދިވެހި އެތްލީޓުންނަށް މިއަހަރު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އައިލޭންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) އަކީ ކާމިޔާބު ކުޅިވަރު ޢީދެކެވެ. މީގެ ކުރިން 2015 ވަނަ އަހަރު ސީޝެލްސްގަައި ބޭއްވި ގޭމްސްގައި 9 މެޑަލް ހާސިލްކުރުމަށްފަހު ރާއްޖޭން މިފަހަރު އަމާޒު ހިފީ 15 މެޑެއްޔަށެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ދިވެހި އެތްލީޓުން ކުރި ބުރަ މަސަތްކަތުން ރާއްޖޭން މިފަހަރު އެ އަމާޒަށް ވަނީ ވާސިލްވެފައެވެ.

ބެޑްމިންޓަން

ބެޑްމިންޓަން އިން މިއަހަރު ބައިނަލްއަގްވާމީ ތިން މުބާރާތެއްގައި ރާއްޖޭން ވަނީ ވާދަކޮށްފައެވެ. އައިއޯއައިޖީގައި ދިވެހި ބެޑްމިންޓަން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ މުބާރާތުގައި މިކުޅިވަރުން ރާއްޖެ އަށް 5 މެޑަލް ލިބިގެންދިޔައެވެ. އެގޮތުން ގޭމްސްގެ ވިމެންސް ސިންގަލްސް އިވެންޓުން ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤް ރަން މެޑަލް ހޯދިއިރު މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލްކަން ފާހަގަކޮށްލެވެ އެވެ.

ނަބީހާގެ ތާރީހީ ރަން މެޑަލްގެ އިތުރުން ގޭމްސްގެ ވިމެންސް ޑަބަލް ކެޓަގަރީން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އަދި ފާތިމަތު ނަބާހާގެ ޕެއާ ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި ވިމެންސް ޓީމް އިވެންޓާއި މެންސް ޓީމް އިވެންޓުން ދިވެހި ކުޅުންތެރިން ލޯ މެޑަލް ހޯދިއިރު މިކްސް ޑަބަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދު އަދި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މީގެ އިތުރުން ޕާކިސްތާނުގައި ދާދިފަހުން ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ގައި ވެސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ވަނީ ބައިވެރިވެ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. މި މުބާރާތުގެ ވިމެންސް ޑަބަލްސް އިވެންޓުން އައިމިނަތު ނަބީހާ އަދި ފާތިމަތު ނަބާހާ އަދި މިކްސް ޑަބަލްސް އިވެންޓުން ނަބާހާ އަދި ޒަޔާން ޒަކީގެ ޕެއާ ވަނީ ރަން މެޑަލް ހޯދައިފައެވެ. އަންހެން ޑަބަލްސްގައި ރާއްޖޭގެ ދެބެން ހޯދި ކާމިޔާބާއެކު މިދެކުޅުންތެރިންގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން މިހާތަނަށް ނުވަ މެޑަލް ގެނެސްދީފަ އެވެ. މީގެ އިތުރުން މި މުބާރާތުން ލިބުނު ކާމިޔާބީ ވެގެންދިޔައީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުުނު ފުރަތަމަ ރަން މެޑެއްޔަށެވެ.

ޕާކިސްތާން މުބާރާތުގައި ރާއްޖޭގެ ނީލާ ނަޖީބު ވަނީ އަންހެން ސިންގަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މި ދެ މުބަރާތުގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން ޓީމުން ވަނީ ސައުތު އޭޝިއަން އަންޑަރ 21 ބެޑްމިންޓަން މުބާރާތުގައި ވެސް ވާދަކޮށްފައެވެ. އެގޮތުން ނަބީހާ އަދި ނަބާހާގެ ޕެއާ ވަނީ މި މުބާރާތުގެ ވިމެންސް ޑަބަލްސް ބައިން ލޯ މެޑަލް ހޯދައިފައެވެ.

ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް

ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް އަކީ މިއަހަރު އަލަށް ނެޝަނަލް ކެޓަގަރީގައި ހިމެނުނު ކުޅިވަރު ބައެކެވެ. ނުކުޅެދުންތެރިކަން ހުންނަ ކުޅުންތެރިން ބާކީ ނުކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ދަށުން މި ކެޓަގަރީން ކުޅުންތެރިން ތަމްރީނު ކުރުމަށާއި މުބާރާތް ތަކުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ފަށާފައެވެ.

އެގޮތުން ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ އެތުލީޓުންވަނީ ބައިވެރިވެ މެޑަލް ހޯދައިފައެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކުރިއަަށްދިޔަ ސްޕެޝަލް އޮލިމްޕިކްސްގެ ވިމެންސް 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހީމް ރަން މެޑަލް ހޯދިއިރު ވަސްމީ ވަހީދު ވަނީ މެންސް 100 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފައެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ މުހައްމަދު މާޒިން 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދިއިރު ދާދިފަހުން ތައިލޭންޑްގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ޔުނިފައިޑް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމް ވަނީ އެމުބާރާތުން ލޯ މެޑަލް ހޯދާފައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ ކުޅުންތެރިންނަކީ އެސްއޯ އެތުލީޓް އިބްރާހިމް ރަބީތު އަދި ޔުނިފައިޑް ޕާޓްނާޕެރަ އެތުލީޓް ޢަބްދުއްލަތީފް މުހައްމަދެވެ.

ޓޭބަލް ޓެނިސް

ސައުތް އޭޝިޔާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތަކީ ރާއްޖޭގެ ޓޭބަލް ޓެނިސްގެ ތާރީހުގައި ލިޔެވިގެންދާނެ މުބާރާތެއްކަން ކަށަވަރެވެ. ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވާދަކޮށް އޭނާ ބައިވެރިވި ކެޓަގަރީ ކަމަށްވާ ވިމެންސް ސިންގަލްސް ބައިން ވަނީ ރަން މެޑަލް ކާމިޔާބުކޮށްފައެވެ. މިއީ ބައިނަލްއަގްވާމީ ޓޭބަލް ޓެނިސް މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑައްޔެވެ.

ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމުން ވަނީ އައިއޯއައިޖީގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމުން ވަނީ ފަސް މެޑަލް ހާސިލްކޮށްފައެވެ.

އައިއޯއައިޖީގައި މޮޅު ކުޅުމެއް ދައްކައި ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި އެއް ކުޅުންތެރިއަކީ އަނެއްކާވެސް ހުނަރުވެރި ކުޅުންތެރިއާ ދީމާ އެވެ. ދީމާ ވަނީ ވިމެންސް ސިންގަލްސް، ވިމެންސް ޑަބަލްސް އަދި ވިމެންސް ޓީމް އިވެންޓުން އައިއޯއައިޖީގައި ރަން މެޑަލް ހޯދައިފައެވެ. ދީމާގެ އިތުރުން އުމުރުން 17 އަހަރުގެ އައިޝަތު ރަފާ ނާޒިމަށް ވެސް މި މުބާރާތް ވެގެން ދިޔައީ ކާމިޔާބު މުބާރާތަކަށެވެ. މުބާރާތުގެ ވިމެންސް ސިންގަލްސް އިވެންޓްގައި ދީމާ އަތުން ބަލިވެ ރަފާ އަށް ރިހި މެޑަލް ލިބުނުއިރު ވިމެންސް ޑަބަލްސް އިން ރަން މެޑަލް އަދި ވިމެންސް ޓީމް އިވެންޓް އިން ރަފާ އަށް ރަން މެޑަލް ލިބުނެވެ. މީގެ އިތުރުން ޓީޓީ ޓީމުގައި ހިމެނުނު ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާނާ ނިމާލް އަށް ވެސް ވަނީ ވިމެންސް ޑަބަލްސް އިވެންޓުން ރިހި މެޑަލް އަދި ޓީމް އިވެންޓް އިން ރަން މެޑަލް ލިބިފައެވެ.

ބޮޑީބިލްޑިން

ބޮޑީބިލްޑިން އިން ރާއްޖޭން މިއަހަރު ތިން މުބާރާތެއްގައި ވާދަކޮށްފައިވާއިރު މި ތިން މުބާރާތުންވެސް ރާއްޖޭގެ ބޮޑީބިލްޑަރުން ރަންވަނަތަކެއް ހާސިލްކުރިއިރު މިއަހަރަކީ ރާއްޖޭގެ ބޮޑީބިލްޑިންގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އަހަރެވެ.

މިކަމުގެ ފަހަތުގައި ވަނީ އެތްލީޓުންނާއި އެސޯސިއޭޝަނުން ކުރި ބުރަ މަސައްކަތެވެ. ރާއްޖޭގެ ބޮޑީބިލްޑަރުން ކުރިއެރުވުމަށް ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު އަންނަނީ ގިނަ މަސައްކަތްްތަކެއް ކުރަމުންނެވެ. ރާއްޖޭގެ ބޮޑީބިލްޑަރުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އޭނާ އަންނަނީ ދެކުނު އޭޝިއާ ފެޑެރޭޝަނުގެ ނައިބުގެ މަގާމާއި އޭޝިއާގެ ފެޑެރޭޝަނުގެ އެގްޒެކްޓިވް ނައިބުގެ މަގާމުގެ އިތުރުން ދުނިޔޭގެ ފެޑެރޭޝަނުގެ ޓެކްނިކަލް ކޮމިޓީގައި ވެސް މުހިއްމު މަގާމެއް ފުރުއްވަމުންނެވެ.

ރާއްޖޭގެ ބޮޑީބިލްޑަރުން ވަނީ މިއަހަރު ބޭއްވުނު ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. ރާއްޖޭގެ މުހައްމަދު މޫސާ ވަނީ 55 ކިލޯގްރާމްގެ ސީނިއަރ ބޮޑީބިލްޑިން ކެޓަގަރީން ރަން މެޑަލް ހޯދައިފައެވެ. ރާއްޖޭގެ އަހްމަދު މާހިލް ސައީދު މި މުބާރާތުގެ ޖޫނިއަރ ކެޓަގަރީއިން ރަން މެޑަލް ހޯދިއިރު ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ކެޓަގަރީއިން ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ރާއްޖޭގެ އަހްމަދު ފަޒީލް ލޯ މެޑަލް ހޯދިއިރު ރާއްޖޭގެ ފަތުހުﷲ މުހައްމަދު ވަނީ މެންސް އެތުލެޓިކް ފިޒީކް 167 ސެންޓިމީޓަރު ކެޓަގަރީއިން ލޯ މެޑަލް ހޯދައިފައެވެ.

މީގެ އިތުރުން އިންޑޮނޭޝިއާގައި ކުރިއަށްދިޔަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު މޫސާ ވަނީ 55 ކިލޯގްރާމްގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން ލޯ މެޑަލް ހޯދައިފައެވެ.

ރާއްޖޭގެ ބޮޑީބިލްޑަރުންނަށް މިއަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ ދެކުނު ކޮރެއާގައި އޮތް ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ދެ އެތުލީޓަކު ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ. އެގޮތުން ރާއްޖޭގެ މުހައްމަދު މޫސާ ސީނިއާ މެންސް ބޮޑީބިލްޑިންގެ 55 ކިލޯ ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދިއިރު އަޒްނީން ރަޝާދު ވަނީ 170 ސެންޓިމީޓަރުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީން ލޯ މެޑަލް ހޯދައިފައެވެ. މިއީ ދުނިޔޭގެ މުބާރާތަކުން ރާއްޖޭގެ ބޮޑީ ބިލްޑަރުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ބީޗް ވޮލީ

ރާއްޖޭގެ ބީޗް ވޮލީ ޓީމުން މިއަހަރު ބައިވެރިވެފައިވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި އެކަންޏެވެ. އައިއޯއައިޖީގައި ވާދަކޮށް ރާއްޖޭގެ ބީޗް ވޮލީ ޓީމުން ވަނީ މެންސް ޓީމް އިވެންޓް އިން ރިހި މެޑަލް ހޯދައިފައެވެ. އަދި އިންޑިވިޖުއަލް އިވެންޓުން ރާއްޖޭގެ ޝިއުނާޒް އަބްދުލްވާހިދު އަދި އާދަމް ނަސީމް ވަނީ ލޯ މެޑަލް ހޯދައިފައެވެ. މިއީ ރާއްޖޭގެ ބީޗްވޮލީގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އެތުލެޓިކްސް

އެތުލެޓިކްސް އިން ވެސް ބައިނަލްއަގްވާމީ މުބާރާތެއްގައި މިއަހަރު ވާދަކޮށްފައިވަނީ އައިއޯއައިޖީގައެވެ. މި މުބާރާތުގައި ރާއްޖޭން ވަނީ ދެ މެޑަލް ހޯދައިފައެވެ. އެއީ ހަސަން ސާއިދު 200 މީޓަރު ދުވުމުން ހޯދި ލޯ މެޑެއްޔާއި މެންސް 4 ގުނަ 100 މީޓަރު އިވެންޓް އިން އެތްލެޓިކްސް ޓީމް ހޯދި ލޯ މެޑެއްޔެވެ.

ފުޓްބޯޅަ

ނޭޕާލްގައި ކުރިއަށްދިޔަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ޓީމުން ވަނީ މުބާރާތުގެ ތިންވަނަ ހޯދައިފައެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީ އަށްގޮސް ސެމީގައި ވަރުގަދަ އިންޑިއާ އަތުން ބަލިވި ނަމަވެސް ތިންވަނަ ހޮވި މެޗުގައި ރާއްޖޭން ވަނީ ބޫޓާން ބަލިކޮށްފައެވެ. މިއީ ރާއްޖޭގެ ޒުވާން އުމުރުފުރައިގެ ފުޓުބޯޅަ ޓީމަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ކްރިކެޓް

ގައުމީ ކްރިކެޓް ޓީމުން ވަނީ މެލޭޝިއާ ގައި ކުރިޔަށްދިޔަ މެލޭޝިއާ އިންޓަނޭޝަނަލް ޓްރި-ނޭޝަންސް ޓީ20 ސީރީސް ގައި ވާދަކޮށް ރިހި މެޑަލް ހޯދައިފައެވެ.

ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑް ވާދަކުރި މުބާރާތުގެ ދެވަނަ ރާއްޖޭން ހޯދިއިރު ރާއްޖެ ވަނީ މީގެ ކުރިން އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ރާއްޖެ މިހާރު އޮތީ އޭޝިއާގެ މުބާރާތްތަކުގެ ކޮލިފައިން ލެވެލްގަ އެވެ. އޭޝިއާގެ މުބާރާތްތަކަކީ ޓެސްޓް ސްޓޭޓަސް އާއި ވަންޑޭ އިންޓަނޭޝަނަލް ސްޓޭޓަސް އަދި ކްރިކެޓް ވޯލްޑް ކަޕް ނެގުމަށް ފަހު އެންމެ މަތީ ލެވެލެވެ.

ވޮލީބޯޅަ

ވޮލީބޯޅައިން މިއަހަރު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާއިރު މިކުޅިވަރުން ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ލިބިގެންދިޔައީ މިއަހަރު އެވެ. ބަންގްލަދޭޝަގައި މިދިޔަ ހަފްތާގައި ކުރިޔަށްދިޔަ އޭވީސީ ސެންޓްރަލް ޒޯން ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަންހެން ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހާސިލްކޮށްފައެވެ. މި މުބާރާތުގައި ރާއްޖެ ބަލިވެފައިވަނީ ޗެމްޕިއަންކަން ހޯދި ނޭޕާލް އަތުން އެކަންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރިގެންދިޔައިރު، މިއަހަރަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެންމެ ކާމިޔާބު އަހަރެވެ. އަދި މިކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކުޅިވަރާއި ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަން ތަކާއި ގުޅިގެން ކުޅިވަރު ކުރިއަރުވައި މިހާރަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި އެތްލީޓުން ނެރޭ ނަތީޖާތައް ރަނގަޅުކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމަށް ތަމްރީންތައް އަމިއްލަ ގައުމުގައި ކުރިއަށްގެންދެވޭނެ ފަދަ ވަސީލަތްތަކެއް މިގައުމުގައި ގާއިމްކުރުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވަމުންނެވެ. މީގެ އިތުރުން އެތްލީޓުން ތަމްރީނު ކުރުމަށް ވެސް ސަރުކާރުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.

ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ އެތްލީޓުންނަށް ކުރިއަށް އޮތީ އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އެވެ. ނޭޕާލްގައި ކުރިއަށްދާ ގޭމްސްގައި ރާއްޖޭން ގިނަ ކުޅިވަރުތަކަކުން ވާދަކުރާއިރު މި މުބާރާތަކީ އަދި މިހާތަނަށް ރާއްޖެ އަށް މާބޮޑު ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ މުބާރާތެއް ނޫނެވެ.

އިންޑިއާގައި 2016 ވަނަ އަހަރު ބޭއްވި، ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް މެޑަލް ހޯދައިދިނީ ދުވުންތެރިންނާއި ފެތުންތެރިން އެކަންޏެވެ. އެތުލެޓިކްސް އިން ހަސަން ސާއިދު 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދިއިރު ސްވިމިން އިން ފެތުންތެރިޔާ އައިމިނަތު ސަޖަން ލޯ މެޑެއްޔެއް ހާސިލްކުރި އެވެ. އޭގެ ކުރިން 2010 ވަނަ އަހަރުގެ ގޭމްސްގައު ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖެ ލޯ މެޑަލް ހޯދިއިރު 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ވެސް ލޯ މެޑެއްޔެއް ހޯދި އެވެ.

ސާފް ގޭމްސްގައި ރާއްޖެ އަށް މިހާތަނަށް މާގިނަ ކާމިޔާބީތަކެއް ލިބިފައިނެތުން ވެގެންދާނީ ކުރިއަށް މިއޮތް ގޭމްސްގައި ނަތީޖާ ނެރެން ދިވެހި އެތްލީޓުންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށެވެ. ކުޅިވަރަށް ލޯބިކުރާ ދިވެހި ހުރިހާ އެންމެންގެވެސް އުއްމީދަކީ އަައިއޯއައިޖީގައި ލިބުނު ފަދަ ކާމިޔާބީއެއް މިގޭމްސްގައި ވެސް ރާއްޖެ އަށް ލިބި އާއަހަރަކާ ކުރިމަތިލާއިރު މިއަހަރަށްވުރެ ކާމިޔާބު އަހަރަކަށް 2020 ހެދުމަށްޓަކައި ރާއްޖޭގެ ކުޅިވަރު ކޮމިއުނިޓީ އަށް ހިތްވަރު ލިބިގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އާދަނު

  ތިހަމަ ހުރެފަ އެއްދުވަހުން ވީކަމެއް!

  14
  5
 2. ކުރީސަރުކާރު

  ކުރީސަރުކާރު ސާބަހޭ

  12
  3
 3. ޢަލީ

  ތީގެ ހުރިހާ ކުރެޑިޓެއް ލިބޭނީ ކުރީގެ ސަރުކާރަށް.. ބަޔަކު ތައްޔާރުކިރީމަ ފޮނިކޮޅު ބޯލީ..

  9
  1
 4. ބުރޯ

  މިއަހަރު ރަން އަކުރުން ފަވާލެވުމުން އެގޭކަމަކީ ނިމުނު 5 އަހަރުގެ ދަވްރަކީ ގައުމަށް ކުޅިވަރުގެރޮނގުން ބޮޑު އިންގިލާބެއް ގެނެސްދެވުނު 5 އަހަރުކަން.

  5
  1
 5. ކޮބާ

  ސާރފިންގް