"ވަގުތު ފުޓްސަލް ޗެލެންޖް 2020" ގެ އޮފިޝަލް ޕްރިންޓިން ޕާޓްނަރަކަށް އައިލެންޑް އެޕަރެސް މޯލްޑިވްސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފުރަތަމަ އެޕަރެލްސް ފިހާރަ ކަމަށްވާ އައިލެންޑް އެޕަރެލްސް އަކީ ތަފާތު ޑިޒައިންތަކަށް އެއްޗެހި ޕްރިންޓް ކޮށްދިނުމުގައި އާއްމުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. ކުޅިވަރު ކުޅުމަށް ބޭނުންވާ ޖޯޒީތަކާއި، ކުންފުނިތަކުގެ ޔުނީފޯމާއި، އިވެންޓްތަކަށް ބޭނުންވާ ސާމާނު އައިލެންޑް އެޕަރެލްސް އިން ޕްރިންޓް ކޮށްދޭނެއެވެ.

މީގެ އިތުރުން ޔޯގާ މެޓާއި ޓޭބަލް މެޓާއި، އަދިވެސް އެތައް ބާވަތެއްގެ ތަކެތި އައިލެންޑް އެޕަރެލްސް އިން ޕްރިންޓް ކޮށްދޭނެއެވެ.

އައިލެންޑް އެޕަރެލްސްގެ މެނޭޖަރ އޮޕަރޭޝަން އަލީ މުޝްހަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުން ބޭނުންވާ ފަދަ އުފެއްދުންތަކެއް، ކަސްޓަމަރުން ބޭނުންވާ ކޮލެޓީގައި ފޯރުކޮށްދިނުން ކަމަށެވެ.

ވަގުތު އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އަގުބޮޑު ފުޓްސަލް މުބާރާތައް މިހާރު ތައްޔާރުވަމުން އަންނައިރު މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. އެހެންކަމުން މުބާރާތް ކުރިއަށް ދާނީ "ޑްރީމްސް ޕިއްޒާ" "ވަގުތު ފުޓްސަލް ޗެލެންޖް"ގެ ނަމުގައެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ.

"ވަގުތުފުޓްސަލް މުބާރާތަކީ" ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ދެވޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފަ އެވެ. މިިދިޔަ އަހަރުގެ މުބާރާތުގެ ޖުމްލަ އަގަކީ 150،000 ރުފިޔާ އެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާއެކު މި އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދާ ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 75،000 ރުފިޔާގެ ފައިސާގެ ނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ވަނީ 150،000 އަށް ބޮޑު ކޮށްފައެވެ. ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.

މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ "ވަގުތު" ގެ ނަމްބަރު 7999681 އަށެވެ.

ޖުމްލަ 16 ޓީމާއެކު ސ. ހިތަދޫގައި ކުރިއަށްދިޔަ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އެފްސީ އުސްގަނޑައެވެ. މިހާތަނަށް ވަގުތު އިން ބޭއްވި ތިން މުބާރާތް 16 ޓީމަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 24 ޓީމަކަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހު އެވެ.