ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކު ހެދި ގޯހަކުން އާސެނަލް އިން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި އާސެނަލް އާއި ލިވަޕޫލް ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ 2 - 1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިވަޕޫލް ބަލިވުމާ އެކު އެ ޓީމަށް 100 ޕޮއިންޓް ހޯދުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު އެންޑްރީ ރޮބާޓްސަން ހޯދައި ދިން ފުރުސަތެއްގައި ސާޑިއޯ މާނޭ ކާމިޔާބުކޮށް، ސިޓީން 100 ޕޮއިންޓްގެ ރިކޯޑާ އެއްވަރު ކުރުމުގެ ފުރުސަތު ބޮޑު ކުރިއެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު ވެން ޑައިކް ފަހަތަށް ޖެހި ޕާހެއް، އާސެނަލްގެ ފޯވާޑް އެލެކްސެންޑްރާ ލަކަޒެޓް ހޯދައިގެން ގޯލަށް ޖަހާ މެޗުގެ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ.

އަދި ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ލަކަޒެޓް ހޯދައި ދިން ފުރުސަތުގައި ރެއިސް ނެލްސަން ކާމިޔާބުކޮށް އާސެނަލް އަށް ވަނީ ކުރި ހޯދައިދީފައެވެ. މިއީ ނެލްސަން ޕްރިމިއާ ލީގުގައި ކާމިޔާބު ކުރި އޭނާގެ ފުރަތަމަ ލަނޑެވެ. މި ގޯލް ވަނީ ވެސް ލިވަޕޫލް ކުޅުންތެރިންގެ ފަރުވާކުޑަމުންނެވެ.

މި މެޗުގެ ހުރިހާ ލަނޑެއް ފުރަތަމަ ހާފްގައި ފެނިގެން ދިޔަ އިރު ދެވަނަ ހާފްގައި ދެ ޓީމުންވެސް ވަނީ ނުރައްކާ ތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މި މެޗުން އާސެނަލް މޮޅުވުމާއެކު އެ ޓީމުން ވަނީ ތާވަލްގެ ނުވަ ވަނައަށް ޖެހިލާފައެވެ. ލިވަޕޫލް އިން ތާވަލްގެ އެއްވަނާގައި އޮތީ 93 ޕޮއިންޓާއި އެކުގައެވެ.