މިނިވަން ދުވަހުގެ މުނާސަބަތުގައި ނ. ވެލިދޫގައި ނެޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތް ފަށާފައި ވަނީ ބްރަދަހުޑް އެސޯސިއޭޝަން އޮފް ނޮލެޖެބަލް އެކްޓިވް ލޯޔަލް ވަންސް (ބަައޯކަލޯ) އާއި އެރަށުގެ ކޮމިއުނިޓީ ސެންޓަރު ގުޅިގެންނެވެ. "ބައޮކަލޯ ނެޓްބޯލް ޓޯނަމެންޓް 2020"ގެ މެޗްތައް އިއްޔެ ވަނީ ފަށައިފައެވެ.

އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އާދަމް "ވަގުތަށް" ވިދާޅުވީ މި މުބާރާތަކީ ރަށުގެ ހުރިހާ ޓީމަކަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ހަތަރު ޓީމެއް ބައިވެރިވެފައިވާ އިރު ފުރަތަމަ މެޗްގައި ބައްދަލުކުރީ ކްލަބް ސްޓިލްރެޑް އަދި މިސްޓްރިކް ސްޕޯޓްސް ކްލަބެވެ. މި މެޗް 60 ޕޮޓް 32 ޕޮޓްއިން ކާމިޔާބު ކުރީ މިސްޓްރިކް ސްޕޯރޓްސް ކްލަބެވެ.

މި މުބާރާތުގެ ދެވަނަ މެޗްގައި މިއަދު ބައްދަލް ކުރުމަށް ހަމަޖެހިފައި ވަނީ ކޭއެންޖީ އަދި އެމްޕްރެސެސް ޓީމުންނެވެ. މި މުބާރާތުގެ މެޗްތައް ބައޯކަލޯ ފޭސްބުކް ޕޭޖްއިން ލައިވް ކުރަމަށް ހަމަޖެހިފައި ވާކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަޟްހާ އީދުގެ ފުރަތަމަ ދުވަހުއެވެ.

"މިއީ ހަމަ ރަށު ރައްޔިތުންގެ އެކުވެރިކަން ބަދަހިކޮށް، ޒުވާނުންނަށް ކުޅިވަރުތަކަށް އަހުލުވެރިކުރުމަށް ބައޯކަލޯ އިން އިސްނަގައިގެން ބާއްވާ މުބާރާތެއް. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް އަޅުގަނޑުމެން މިފަދަ މުބާރާތްތައް ބާއްވާނަން. ދެން މިކަމަށް ރަށުގެ ރައްޔިތުން ދެމުންދާ އެއްބާރުލުމަށް ހަމަ ޝުކުރު ދަންނަވަން" އަބްދުﷲ ބުންޏެވެ.

މުބާރާތް އިއްޔެ ފެށީ ބައޯކަލޯ ޒުވާނުންގެ ސަގާފީ ހަރަކާތަކަށްފަހު އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވާ ތަށި ދައްކާލައިފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ ލިއެލާޖެހި ދިވެހިވަންތަ ގޮތަކަށް ފަރުމާކޮށްފައިވާ ތައްޓެކެވެ. މިއީ ރާއްޖޭގެ މުބާރާތެއްގައި މިފަދަ ތައްޓެއް ބޭނުންކުރާ ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ތަށި ފަރުމާކޮށްދީފައިވަނީ ބ.ތުޅާދޫގެ ހުނަރުވެރި ޒުވާނެއް ކަމުގައިވާ އަބްދުލް މަތީން އަބްދުއްރަހީމްއެވެ.

އަބްދުﷲ ވިދާޅުވީ ބައޯކަލޯ ނެޓްބޯލް މުބާރާތުގެ މެއިން ސްޕޮންސަ ކޮންކޯޑް މޯލްޑިވްސް، ޑިޖިޓަލް ޕާޓްނަ ދިރާގު، ކޯ-ސްޕޮންސަ މޯލްޑިވައިން، ޓްރެވަލް ޕާޓްނަ އެނެކްސް މޯލްޑިވްސް، ޕޯޓޯގްރަފީ ޕާޓްނަ ނޫނު ފޮޓޯ އަދި ސްޓޭންޑާޑް ސްޕޮންސަ ރިއަލްސިޓީ ޔުނިވާސަލް މާސްގެ އިތުރުން އެކި ގޮތްގޮތުން މި މުބާރާތް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ބައޯކަލޯ އަކީ ނ.ވެލިދޫގައި އިޖްތިމާއީ ގޮތުން ތަފާތު އެކި ހަރަކާތްތައް ހިންގަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އެއް ޖަމިއްޔާއެވެ.