މި އަހަރު އޮންނަ "ވަގުތު" ފުޓްސަލް ޗެލެންޖް އަންނަ ޑިސެމްބަރު މަހު އައްޑޫ ސިޓީގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް މި އަހަރު އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނާތީ މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސް ކުރިއެވެ.

އެކަމަކު، އެ މުބާރާތް އަންނަ ޑިސެމްބަރު މަހު ބާއްވަން މިހާރު ވަނީ ތާވަލްކޮށްފައެވެ.

މުބާރާތް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރާ އޮފިޝަލަކު ވިދާޅުވީ މުބާރާތަށް ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް އޮއްވައި މުބާރާތް ބާއްވާނެ ތާރީޚް އިއުލާން ކުރާނެ ކަމަށެވެ. އަދި މުބާރާތް ފަށާނީ ޑިސެމްބަރު މަހުގެ ކޮން ދުވަހަކު ކަމެއް ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަގުތު އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.