މިއަހަރުގެ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރަން ޖެހިއްޖެއެވެ.

އެފްއޭއެމުގެ ޝެޑިއުލްގައިވާ ގޮތުން ދިވެހި ޕްރިމިއަރ ލީގު ތާވަލުކޮށްފައިވަނީ ޑިސެމްބަރު 13 ގައި ފެށުމަށެވެ. އަދި

ފުރަތަމަ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ، ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސަސް ޔުނައިޓެޑް ސްޕޯޓްސް އެވެ.

ބުރާސްފަތި ދުވަހު އެފްއޭއެމުން ވަނީ ކުރިއަށް އޮތް ސީޒަންގެ ކަލަންޑަރުގައި ހިމެނޭ ޗެރިޓީ ޝީލްޑް މެޗާއި ދިވެހި ޕްރިމިއަރ ލީގުގެ ކަލަންޑަރު ނެރެފައެވެ. އެފްއޭއެމުން އިއުލާންކުރި އާ ކަލަންޑަރުގައި ވާގޮތުން ސީޒަންގެ ފުރަތަމަ މެޗު ފަށާނީ ޑިސެމްބަރު މަހު 8 ވަނަ ދުވަހުގައެވެ.

މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތަކަށް ދެމުން އައި ޖާގަ މި ވަގުތަށް ވަނީ މަޑުޖައްސާލާފައި ވުމާއިއެކު ލީގުގައު ވާދަކުރާނީ މާލޭގެ އަށް ޓީމެވެ. ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގައި އަތޮޅު ފުޓްބޯޅަ މުބާރާތްތަށް ބޭއްވިފައި ނުވުމުން އެފްއޭއެމުން ނިންމީ މި ސީޒަނުގައި އަތޮޅު ތަކުގެ އެއްވެސް ޓީމަކަށް ފުރުސަތު ނުދިނުމަށެވެ. އެހެންކަމުން މި ސީޒަނުގައި ޕްރިމިއާ ލީގުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ، ކުލަބު އީގަލްސް ،ޓީސީ ސްޕޯޓްސް ކުލަބު ، ކުލަބު ގްރީން ސްޓްރީޓްސް ،ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ، ޔުނައިޓެޑް ވިކްޓަރީ ، ކުލަބު ވެލެންސިއާ އަދި އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މިމަހު ކުރީކޮޅު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުމުގެ ހުއްދަ ދީފައެވެ. އެގޮތުން ވެލެންސިއާއިން އާއި މާޒިޔާ ސްޕޯޓްސް ކުލަބުން ވަނީ ފަރިތަކުރުންތަށް ފަށާފައެވެ. ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކުރި ނަމަވެސް، އަދި މިހާތަނަށް ކުޅިވަރު މުބާރާތްތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފައެއް ނުވެއެވެ.

ފުރަތަމަ މެޗުގައި އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކުޅެން ނިންމާފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ރަނަރަޕް ކުލަބު އީގަލްސްއެވެ.