އއ.ބޮޑުފޮޅުދޫއަށް ނިސްބަތްވާ އާރުބީޖީ ސްޕޯޓްސް ކުލަބުން ފާހަގަކޮށްލެވޭ ފަދަ ގިނަ ހަރަކާތްތަކެއް އެ ރަށުގައި ބާއްވައިފިއެވެ.

މި ހަފްތާގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެކުލަބުގެ އަންހެން ވޮލީ އަދި ހޭންޑްބޯޅަ ޓީމަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްގެ އިތުރުން ބޮޑުފޮޅުދޫ ސްކޫލްގެ ޕްރިންސިޕަލް، ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ވަނީ ބައިވެރިވެފައެވެ.

އާރުބީޖީ އަންހެން ވޮލީ ޓީމަށް ފަރުމާކޮށްފައިވަނީ ޖާރޒީ ވިއްކުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރާތެއްކަމުގައިވާ ''ކެޕްޓަން މޯލްޑިވްސް''ގެ ފަރާތުން އާރުބީޖީ އަށް ހަދިޔާކޮށްފައިވާ ޖާރޒީ ބައެއްކަން އެ ކުލަބުން ވަނީ ފާހަގަކޮށްފައެވެ. އާރުބީޖީގެ ފުޓްސަލް ޓީމް ،ފިރިހެން ވޮލީ ޓީމް އަދި އެ ކުލަބުގެ މެމްބަރުންގެ ޖާރޒީވެސް ކެޕްޓަން މޯލްޑިވްސްއިން ތައްޔާރުކުރާނެ ކަމަށް އެކުލަބުން ވަނީ ބުނެފައެވެ .

އަދި މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އއ.ބޮޑުފޮޅުދޫ ކައުންސިލްއިން އިސްނަގައިގެން ރަށުގެ ކުލަބު ޖަމިއްޔާތަކާއި ގުޅިގެން ހިންގި ހަރަކާތްތަކުގައިވެސް އާރުބީޖީން ވަނީ ބައިވެރިވެފައެވެ. އާރުބީޖީން ވަނީ ބޮޑުފޮޅުދޫ ކައުންސިލުން ހޮވުމަށް ނިންމާފައިވާ އަހަރުގެ އެންމެ ހަރަކާތްތެރި ކުލަބުގެ އެވޯޑް ހާސިލުކުރުމަށް ކުރިއަށް އޮތް އަހަރަށް ގިނަ ހަރަކާތްތަކެއް ހިންގާނެކަމަށް ވިދާޅުވެފައެވެ. ކައުންސިލުން ވަނީ މި އެވޯޑާއެކު ދިހަހާސް ރުފިޔާ އެންމެ ހަރަކާތްތެރި ކުލަބަކަށް ދޭނެކަމުގެ ފެހި ސިގްނަލްވެސް ދީފައެވެ.

މީގެއިތުރުން އާރުބީޖީ ސްޕޯޓްސް ކުލަބުގެ ފުޓްސަލް ޓީމް އއ.ރަސްދޫ ފުޓްސަލް ޓީމާއި އެކު އެކުވެރިކަމުގެ ފުޓްސަލް މެޗުތަކެއްވެސް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗު 4-2 ގެ ނަތީޖާއަކުން ރަސްދޫ ޓީމް ކާމިޔާބުކުރިއިރު ދެވަނަ މެޗު 2-1 ން މޮޅުވެފައިވަނީ އާރުބީީީޖީ ފުޓްސަލް ޓީމެވެ. އެކުވެރިކަމުގެ މެޗު ކުރިއަށް ދިޔަވަގުތު އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ފަރާތުން އއ.ބޮޑުފޮޅުދޫގެ ތުއްތު ކުއްޖެއްކަމުގައިވާ ލޭގެ ކެންސަރަށް މިވަގުތު އިންޑިޔާގައި ފަރުވާހޯދަމުންދާ ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަންޑުފޮއްޓެއް ވަނިީ ބަހައްޓާފައެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ރަސްދޫ ފުޓްސަލް ޓީމުގެ އިތުރުން ވޮލީޓީމްވެސް ވަނީ އާރުބީޖީގެ ވޮލީޓީމާއި އެކު މެޗެއް ކުޅެފައެވެ. މި މެޗަކީ އއ.ބޮޑުފޮޅުދޫގައި މިހާތަނަށް އެންމެގިނަ ސަޕޯޓަރުން ވޮލީކޯޓް ސަރަހައްދަށް ޖަމާވެގެން ކުޅުނު ފުރަތަމަ މެޗުކަން އެ ކުލަބުންވަނީ ފާހަގަކޮށްފައެވެ. މި މެޗް ކާމިޔާބުކުރީ ބޮޑުފޮޅުދޫ އާރުބީޖީ ވޮލީޓީމު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.