ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ތިބީ ވެކްސިން ޖަހައިގެންވިޔަސް ލީގުގެ ކުޅުން އަލުން ފެށުމަށް ތައްޔާރަށް ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ކުއްލިގޮތަކަށް ލީގު މެދުކަނޑާލުމާއި ގުޅިގެން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކުލަބުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުލަބުތަކުގެ އެދުމަކީ ވީ އެންމެ އަވަހަކަށް ކުޅެވޭނެ ގޮތެއް ވުމެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ފުޓްބޯޅަ އަލުން ފަށާ ނަމަ އަނެއްކާވެސް އާ އުސޫލެއް ކަނޑައަޅަން އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެފްއޭއެމުން މީގެކުރިން ހުށައެޅި އުސޫލަކީ އެޗްޕީއޭގެ މަޝްވަރާގެ މަތިން ފީފާ އާއި އޭއެފްސީ މިންގަނޑުތަކަށް ފެތޭ އުސޫލެކެވެ. އެހެންކަމުން ބައްސާމް ވަނީ އެ އުސޫލު އިތުރަށް ބަދަލުކުރާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ބައްސާމް ވިދާޅުވީ ބައްސާމް ލީގު މެދުކަނޑާލުމުން ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުލަބުތަކާއި، އޮފިޝަލުން އަދި ކުޅުންތެރިންވެސް ތިބީ ވެކްސިން ޖަހައިގެންވިޔަސް ލީގުގެ ކުޅުން އަކުން ފެށުމަށް ކަމަށެވެ. އަދި ލީގު ކުރިއަށް ގެންދިޔުމަށްޓަކައި ސިއްހީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ކުލަބުތަކުން ދޭނެ ކަމަށާއި، އުންމީދަކީ ވީއެންމެ އަވަހަކަށް ލީގުގެ ކުޅުން ފެށިގެން ދިޔުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

މާލޭގައި ކޮވިޑުގެ ކޭސްތައް ގިނަވާން ފެށުމާއި ގުޅިގެން އެޗްޕީއޭގެ ކުއްލި އެންގުމަކާއެކު ލީގުގެ ކުޅުން ހުއްޓާލީ ދެވަނަ ބުރުގެ މެޗުތައް ކުރިޔަށްދަނިކޮށެވެ. ކުލަބުތަކުގެ ކުޅުންތެރިންގެ އާދޭހަކީ އެ ކުޅުންތެރިންގެ އާމްދަނީއަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރުމެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދިއުމަކީ ކުޅުންތެރިންގެ ބޮޑު އުއްމީދެކެވެ.

މި މައްސަލައިގައި ކުލަބުތަކުން މިހާރު މަސައްކަތްކުރަނީ ކަމާބެހޭ ފަރާތްތަކާއި ވާހަކަދައްކައިގެން އަވަސް ހައްލެއް ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންނި

    މަގާމުގެ ދަހިވެތިކަމުގަ ގެއްލިނުހުރެ ކުޅޭ ކުދިން ކާރި ބުނެބަ މީވަގުތަކީ ކޮންމެހެން މުބާރާތެއް ބޭއްވުމަށް އެކަށީގެންވާ ވަގުތެއް ނޫންކަމަށާ. ފާއިތުވެގެން ދިޔަ ހުރިހާ އަހަރުތަކަކީ މުބާރާތް ބޭއްވިގެން ދިޔަވަގުތު ތަކެއްކަމަށް އެހެންކަމުން ކެއްތެރިކަން އިސްކޮށް ހަމަވިސްނުމުގަ ތިބެން. އެހެންނޫނަސް މިހާރު މާ މޮޅުކުޅުމެއްވެސް ނުދެއްކޭކަމަށް.

    7
    1
  2. ޢައްޔަ

    ކޯއްޗެއް ކުޅޭކަށްތަ؟ މިއުޅެނީ ފްރޮންޓުލައިނަށް ހަމަޔަށް ވެކްސިން ނުދެވިގެން. ކުޅުންތެރިން ކައިރި ބުނޭ މަޑުން ތިބޭށޭ.

  3. ސައިދް

    ބައްސާމް ކުރިވައްކަންތައް ބަލާފިޔަވަޅު އަޅާތަން ބަލަން ދިވެހިން ތިބީ ކެއްމަދުވެފަ! މިވަގުތު ގިނަ މީހުނެ އެއްތަންވެ ކުޅޭ ކުޅިވަރު ކުޅެ އަދި ކުޅުމައް ހިއްވަރު ދިނުމަކީ އަނިޔާއެއް! ބައްސާމުއަކީ ރަށުތެރޭފަސާދަ އުފައްދަން އުޅޭމީހެއްތަ؟ އޭނާހިފާހައްޔަރުކޮށް ފުރިހަމަ ތަހުގީގެއް ހިންގާ!

  4. ޢަހު

    ވެކްސިނަކީ އިތުބާރެއް އޮންނަ އެއްޗެއްނޫން އެވަރުގެ މޮޅު ވެކްސިނެއްނަމަ އާވޭރިއަން ވެކްސިން ޖަހާފަ ތިބި މީހުންނަށް ޖެހޭނެތަ؟