ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ހޯދި މޮޅާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތާވަލުގެ ފަސްވަނައަށް ޓީސީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ޓީސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓީސީން ދެ ލަނޑު ކާމިޔާބުކުރި ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޔޫވީއަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައެވެ. މިއީ ޓީސީއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އައްޒާމު އެވެ.. މިއީ އޭރިއާ ތެރެއިން ޓީސީގެ ސެމިއުލް ކޯޑެލްއަށް ޔޫވީގެ އަޙްމަދު ވިސާމް (ޖެރާޑް) ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ޓީސީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނުއިރު، މެޗުގެ ދެވަނަ ހާފުގައި ޓީސީން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރި އެވެ. މެޗުގެ 50 ވަނަ މިނެޓުގައި މި ލަނޑުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އައްޒާމެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވެގެންދާނެ ކަމަށާއި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ ލީގުގެ މިހާ ހިސާބުން ރެލިގޭޝަނަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

މި މޮޅާއެކު ޓީސީ ތާވަލުގެ ފަސްވަނައިގައި އޮތީ ކުޅުނު 11 މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ. ޔޫވީ އޮތީ ތާވަލުގެ ފުލުގައެވެ.