ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ތިންވަނައަށް ކުލަބު ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގްރީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިިޔައިރު، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދަ ގްރާންޑޭ އިން ތަނަވަސްކޮށްފައިވެއެވެ.

މެޗުގައި ދަ ގްރާންޑޭއަށް ދެ ރަތްކާޑު ދައްކާފައިވެއެވެ. ފުރަތަމަ ރަތްކާޑު ދައްކާފަައިވަނީ މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން އަހުމަދު ވިޖުދާން (ވިޖުއްކޮ) އަށެވެ. އޭނާއަށް ކާޑު ދައްކާފައިވަނީ ގްރީންގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ކުރި ނުރައްކާތެރި ފައުލާއި ގުޅިގެންނެވެ. ދެވަނަ ރަތްކާޑު ދައްކާފައިވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. ހުތުރުބަހުން މުއާމަލާތް ކުރުމާއި ގުޅިގެން މި ކާޑު ދައްކާފައިވަނީ ދަ ގްރާންޑޭގެ އަލީ އިފާޒަށެވެ.

ގްރީން ސްޓްރީޓްސްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހުކޮޅުއެވެ. ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ގެ އެހީތެރިކަމާއެކު މެޗުގެ 79 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިޝްވާން އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ވަނީ ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް ގެ މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ. އަދި ދަ ގްރާންޑޭގެ ދެ ކުޅުންތެރިއަކު މަދުވުމުން މެޗު ފަސޭހަކޮށްލިތަން ފެނިގެންދިޔަ ކަމަށެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ވަނީ އެ ޓީމަށް ދެއްކި ދެ ރަތްކާޑުގެ ތެރެއިން އިފާޒް އަށް ދެއްކި ރަތްކާޑާއި ގުޅިގެން ސުވާލު އުފައްދާފައެވެ. އަދި އިފާޒް ރެފްރީއާ އެގޮތަށް މުއާމަލާތްނުކުރާ ކަމަށްވެސް ކޯޗު ބުންޏެވެ.

މި މޮޅާއެކު ކުލަބް ގްރީންސްޓްރީޓްސް ވަނީ ކުޅުނު 11 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ދަ ގްރާންޑޭ ވަނީ ހަވަނައަށް ވެއްޓިފައެވެ.