ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ އޭއެފްސީ ކަޕުގެ މެޗުތަކަށް އެހީތެރިވުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި އެފްއޭއެމުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ. އަދި އޭޑީކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލެވެ.

މި އެއްބަސްވުމާއެކު އޭއެފްސީ ކަޕުގެ އިތުރުން ރާއްޖޭގެ ލޯކަލް ފުޓްބޯޅަ ސީޒަނުގެ ބާކީ ބައިގައިވެސް އެ ހޮސްޕިޓަލު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

ރާއްޖެއިން ވަނީ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ކުޅޭނީ ރާއްޖޭގައެވެ. ރާއްޖޭގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ ބުދަ ދުވަހުގެ ހަވީރު ބައްދަލުކުރާ މެޗުވެސް ކުޅޭނީ މާލޭގައެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ރާއްޖޭގެ ޓީމުތައް ވާދަކުރާއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.