އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް ނުކުންނައިރު އީގަލްސްގައި މިހާރު އޮތް ސްކޮޑާމެދު ހިތްހަމަޖެހޭ ކަމަށާއި ލީގުގައި މިހާތަނަށް ދެ މެޗު ލިބުނު ނަމަވެސް ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ

މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ހޯދި ޓީމުގެ ހައިސިއްޔަތުން އޭއެފްސީ ކަޕުގެ ޕްރީލިމިނަރީ ބުރުގައި ވާދަކުރާ އީގަލްސް ޓީމަށް މި މެޗުގެ ކުރިން ލިބުނީ ލީގުގެ ދެ މެޗެވެ. ނަމަވެސް ޝާޒްލީ ހުރީ މި ދެ މެޗާއެކުވެސް ޓީމާއި މެދު ހިތްހަމަޖެހިފައެވެ. ލީގު މެދުކަނޑާލުމަށްފަހު އަލުން ކުޅުމުގެ ފުރުސަތު ދީފައިވަނީ ފެބްރުއަރީ 25 ގައެވެ.

ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ ދިމާވި ގޮންޖެހުންތަކާއި މެދު މިހާރު އެހާ ނުވިސްނާ ކަމަށާއި ހުރިހާވެސް ވިސްނުމެއް ހުރީ މާދަމާ ކުޅޭ މެޗުން މޮޅުވުމަށް ކަމަށެވެ. އަދި މި ކަހަލަ މެޗަކަށް ނުކުންނައިރު، ރަނގަޅު ބިދޭސީ ކުޅުންތެރިން ތިބުމަކީ އީގަލްސްއަށް ލިބޭނެ ފައިދާއެއް ކަމަށްވެސް ޝާޒްލީ ބުންޏެވެ

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ލުބުނާނުގެ ޒުވާން ޤައުމީ ޓީމަށް ކުޅެފައިވާ ގޯލްކީޕަރު މުޙައްމަދު ތޯހާ އާއި، ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދުގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފައެވެ.

މެޗުގެ ކުރިން އީގަލްސް ބޭއްވި އެންމެ ފަހު ފަރިތަކުރުމުގެ ތެރެއިން

އީގަލްސްގެ ކެޕްޓަން ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ބުނީ ހުރިހާ ކުޅުންތެރިންގެ ފޯކަސްވެސް ހުރީ މެޗުން މޮޅުވުމަށް ކަމަށާއި، މި މެޗަށް ޓީމު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީއާއި ރާއްޖޭގެ ކުލަބް އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ.