މާޒިޔާގައި ތިބި ކުޅުންތެރިންނާއެކު މީގެ ކުރިން މަސައްކަތްކޮށްފައިވުމަކީ ކުރިއަށް މެޗަށް ނުކުންނައިރު، ޓީސީއަށް އޮތް ފައިދާއެއްގެ ގޮތުގައި އެހާ ބޮޑަށް ނުދެކޭ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ޓީސީއާއި މާޒިޔާ ބައްދަލުކުރާ މެޗާއި ކުރިމަތިލާއިރު ނިޒާމްބެ ވަނީ މީގެކުރިން މާޒިޔާގެ ކޯޗުކަަން ކޮށްފައެވެ. އެ ޓީމުގެ ކޯޗުކަމުން އޭނާ ކުއްލި ގޮތަކަށް އިސްތިއުފާދިނީ ޑިސެމްބަރ 27 ގައެވެ. ކުއްލިގޮތަކަށް އިސްތިއުފާ ދިން އިރު ޗެރިޓީ ޝީލް މެޗުން މާޒިޔާ ވަނީ ބަލިވެފައެވެ. ނަމަވެް ލީގު ތިން މެޗުން މާޒިޔާ ބައްޔެއްނުވެ އެވެ .

ނިޒާމްބެ އެނބުރި ޓީސީއަށް ސޮއިކުރީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާގެ ކުރީގެ ކުލަބާއި ބައްދަލުކުރާއިރު، މެޗުގެ ކުރިން ވާހަކަދައްކަމުން ނިޒާމްބެ ބުނީ މިދިޔަ 20 އަހަރު މަސައްކަތް ކޮށްފައިވާނީ ޕްރޮފެޝަނަލް ރަނގަޅު އުސޫލުން ކަމަށާއި މާޒިޔާ ދޫކޮށްލީ އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫން ކަމަށެވެ.

މިރޭ 22:00 ގައި ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ނިޒާމްބެ ބުނީ މާޒިޔާގައި މިހާރު ތިބި ސީނިއާ ކުޅުންތެރިންނަކީ ވަކި ސްޓައިލެއް ގާއިމުކޮށްފައި ތިބި ކުޅުންތެރިން ކަމަށާއި، ނަމަވެސް އެ ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު-- ފޮޓޯ: އެފްއޭއެމް

މެޗުގެ ކުރިން ވާހަކަދައްކަމުން މާޒިޔާގެ ބިދޭސީ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ކުރިން މާޒިޔާއަށް ކޯޗުކަން ކޮށްދިން ކޯޗެއް އެ ޓީމު ބަލިކުރަން ބޭނުންވުމަކީ އާންމު ކަމެއް ކަމަށާއި މާޒިޔާ ބަލިކުރަން ކޮންމެ ޓީމެއްވެސް ބޭނުންވާނެ ކަމަށެވެ.

މިރޭ ކުޅޭ މި މެޗާއި ކުރިމަތިލާއިރު މާޒިޔާ އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި 12 މެޗުން 13 ޕޮއިންޓާއެކުއެވެ.