ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން ހޯދި މޮޅާއެކު ކުލަބް ވެލެންސިއާއިން، ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

މި މެޗު ވެލެންސިއާ ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވެލެންސިއާ އަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްވިއިރު، ގިނަ ހަމަލާ އުފެއްދީވެސް އެ ޓީމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް ވެލެންސިއާއިން އުފެއްދިއެވެ. ނަތިޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ރިލްވާން ތަނަވަސްކުރި ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިިޔާބުކޮށްދިނީ ބޯހަސް މާޓިންނެވެ. ވެލެންސިއާ އިން ލީޑު ފުޅާކޮށްފައި ވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. މި ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މިއީ ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރު ގްރާންޑޭގެ ކެޕްޓަން އަޙްމަދު ވިޖްދާން (ވިޖޫ) ގެ ފައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.

ފުރަތަމަ ހާފަށްވުރެ ދަ ގްރާންޑޭ އިން ވަނީ ދެވަނަ ހާފުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ގެ އެހީއާއެކު މެޗުގެ 76 ވަނަ މިނެޓުގައި މާޓީން ވަނީ ވެލެންސިއާގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި މެޗުގައި ދަ ގަރާންޑޭ އަށް ސުން ކަނޑުވާލަދިނީ މެޗު ނިމެން ގާތްވެފައި ވަނިކޮށް ހަސަން ޝިފާން އެވެ.

މި މޮޅާއެކު ވެލެންސިއާ އިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަތަރު ޕޮއިންޓާއި ކައިރިކޮށްފައެވެ. މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެވެ. ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި 12 މެޗުން 24 ޕޮއިންޓާއެކުއެވެ.