ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ގްރީންސްޓްރީޓްސް އަތުން ލިބުނު ހަނި މޮޅާއެކު ޗެމްޕިއަން މާޒިޔާއިން އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ފެނިގެން ނުދިޔައިރު، މި ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔަ އެވެ. ހާއްސަކޮށް މާޒިޔާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މިގޮތުން މުހައްމަދު އުމެއިރު އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މާޒިޔާއިން މި މެޗުގައި ކާމިޔާބުުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމާއި ގުޅުނު ޖަޕާނުގެ މިޑްފީލްޑަރ ޓަކާޝީ އޮޑަވާރާއެވެ.އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކުރި ފުރުސަތަކުންނެވެ.

މެޗުން މޮޅުވި ނަމަވެސް މާޒިޔާގެ ކޯޗު ހުރީ ހިތްހަމަޖެހިގެނެއް ނޫނެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވަނީ މި މެޗަކީ އޭނާ އެ ޓީމާއި ގުޅުނު ފަހުން އެ ޓީމު ކުޅުނު އެންމެ ދަށް މެޗު ކަމަށެވެ. މި ކުޅުމާއެކު ލީގު ތަށި ދިފާއުނުކުރެވޭނެ ކަަމަށްވެސް ކޯޗު ބުންޏެވެ.

މި މޮޅާއެކު މާޒިޔާ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއްގައި އޮތްއިރު، އެ ޓީމަށް ކުޅުނު 13 މެޗުން ވަނީ 31 ޕޮއިންޓް ލިބިއިވެއެވެ. ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިއާއަށް 12 މެޗުން 24 ޕޮއިންޓް ވަނީ ލިބިފައެެވެ.