މާލޭ ސްޕޯރޓްސް ކުލަބާއި ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޝާން ކްރިކެޓް ކާނިވަލްގެ ކޮމްޕެނީތަކުގެ މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ލަންކާ ޑީސެލް އާއި އިކްވިލަންޓް ކާމިޔާބުކޮށްފި އެވެ.

މިއަދު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރިޔާންއާއި ލަންކާ ޑީސަލް ސާރވިސްގެ ޓީމްއެވެ. މިމެޗް ލަންކާ ޑީސަލް ކާމިޔާބުކުރީ 7 ވިކެޓުންއެވެ. ގުރުދިމާވުމުން ރަޔާން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 57 ލަނޑުއެވެ. މި އިނިންގްސްގައި ތާރކަ 3 ވިކެޓްއަދި ސަމްޕަތް 2 ވިކެޓް ނެގިއެވެ.

ޖަވާބުގައި ލަންކާ ޑީސަލް ކުޅެންއަރާ 4 ވަނަ އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 62 ލަނޑުހަދާ މެޗް ކާމިޔާބުކުރިއެވެ.

މިއަދުގެ ދެވަނަ މެޗްގައި އެމްޓީސީސީއޭއައި އިކްވިލަންޓް ބައްދަލުކޮށް އިކްވިލަންޓް ކާމިޔާބުކުރީ 13 ލަނޑުންއެވެ. އިކްވިލަންޓް ކުޅެންއަރާ 8 އޯވަރު 7 ކުޅުންތެރިން ނުބައިވެގެން 92 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑު ހެދި ސަވިންދުރަ އެވެ. މީގެއިތުރުން މޮނޫ ޕްރަސާދް 3 ވިކެޓު ނެގިއެވެ.

ޖަވާބުގައި އެމްޓީސީސީ އޭ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހަދާވަނީ 79 ލަނޑުއެވެ. މޫތީ ސިވާން 18 ލަނޑު. ސަވިންދުރަ 3 ވިކެޓް އަދި ސަމާލް 2 ވިކެޓް ނެގިއެވެ.

މާދަމާ ދެމެޗް ކުޅެވޭނެއެވެ. ފުރަތަމަ މެޗްގައި މެލްކޯއާއި ފްރެންޑްސް އޮފް މޯލްޑިވްސް އަދި ދެވަނަ މެޗްގައި ދިރުހަމްއާއި މާލޭ ވޮރިޔާސްގެ ޓީމު ބައްދަލުކުރާނެ އެވެ. ކުޅުން ކުރިއަށްދަނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައި ހަވީރު 1600ގައެވެ.