ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު ބަލިކުރަން އުނދަގޫ ނަމަވެސް އެއީ ނުވާނެކަމެއް ނޫންކަމަށް ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މި ސީޒަނުގައި މާޒިޔާ މިހާތަނަށް ބަލިވެފައި ވަނީ ވެސް ކުލަބް އީގަލްސް އަތުންނެވެ. އެއީ ލީގު ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސްއާއި ވާދަކޮށްގެންނެވެ. އޭގެފަހުން އަދި ލީގު މެޗެއްގައި މާޒިޔާ ބައްޔެއް ނުވެއެވެ.

މިރޭ ކުޅޭ މެޗުގެ ކުރިން މީޑިއާގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ މި މެޗަކީ އީގަލްސްއަށް ތާވަލުގެ ކުރިއަށްދާން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މި މޮޅުވެއްޖެ ނަމަ ގަދަ ހައެއްގައި ހިފަހައްޓާލެވިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޝާޒްލީ ބުނީ ލީގުގެ ދެވަނައިގައި އޮވެ ދެވަނަ ބުރު ނިންމާލުމުގެ ފުރުސަތުވެސް އީގަލްސްއަށް އެބައޮތް ކަމަށާއި މި މެޗުގައި މާޒިޔާ ބަލިކުރަން އުނދަގޫ ވިޔަސް ދެވަނަ ބުރުގެ މެޗަކުން އީގަލްސް ބަލިނުވެ އޮތުން އެއީ ހިތްހަަމަޖެހުމެއް ކަމަށެވެ. އަދި މާޒިޔާ މެޗާއި ކުރިމަތިލާނީ އީގަލްސްގެ އަމިއްލަ ޓާގެޓު ހާސިލުކުރުމަށް ކަމަށެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ މި މެޗު ކާމިޔާބުކުރަން އެ ޓީމުގެ ކުޅުންތެރިން ތައްޔާރަށް ތިބިކަމަށް ބުނެފައެވެ. އަދި އަނިޔާއިން ރަނގަޅު އެނބުރި ކުޅުމުގެ ތެރެއަށް ބައެއް ކުޅުންތެރިންނަށް އާދެވުމަކީ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ވެސް ފާހަގަކުރި އެވެ. އަދި އީގަލްސް ބަލިކުރަން އުނދަގޫވާނެ ކަމަށްވެސް ކޯޗު ފާހަގަކުރި އެވެ.

މާޒިޔާ އޮތީ ތާވަލުގެ އެއްވަނަައިގައި ބޮޑު ލީޑަކާއެކު އެވެ. މި މެޗުން މޮޅުވެއްޖެ ނަމަ މާޒިޔާގެ ލީޑު ނުވަ ޕޮއިންޓަށް ފުޅާވެގެންދާނެ އެވެ. މިވަގުތު އެ ޓީމު އެއްވަނައިގައި އޮތީ 13 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެވެ. އީގަލްސް އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. މާޒިޔާ ބަލިކުރެވިއްޖެ ނަމަ އީގަަލްސްއަށް ތިންވަނަ ލިބޭނެ އެވެ .