އޮންލައިންކޮށް ޗެސް ކުޅުމަށް ދަސްކޮށްދޭ ޕްލެޓްފޯމްތަކުން އެންމެ ކުރިހޯދަމުން އަންނަ ޗެސެބަލް އާއި ގުޅިގެން ފިޑޭއިން ޓްރެއިނާސް ކޮމިޝަނުން ފިޑޭ ޗެސެބަލް އެކެޑަމީގެ ނަމުގައި ބާއްވާ އެޑިއުކޭޝަނަލް ޕްރޮގްރާމްގައި ރާއްޖޭގެ ދެ ކުޅުންތެރިއަކަށް ފުރުސަތު ލިބިއްޖެއެވެ.

މި ޕްރޮގްރާމަކީ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮންލައިން ޓްރެއިނިންގ ޕްރޮގްރާމެކެވެ.

ފެޑެރޭޝަނަކުން ދެ ކުޅުންތެރިންނަށް ހުޅުވިފައިވާއިރު, ދިވެހިރާއްޖެއިން މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ 14 އަހަރުންދަށުގެ އަންހެން ކުޅުންތެރިއެއް ކަމަށްވާ މަރިޔަމް މިޝްކާ މިޤްދާދް އަދި 14 އަހަރުން ދަށުގެ ފިރިހެން ކުޅުންތެރިއެއް ކަމަށްވާ ޔޫސުފް ވަސީމް އަހުމަދުއެވެ.

މި މުބާރާތް ކުރިއަށް ގެންދާ މުއްދަތުގައި ފިޑޭ އަދި ޗެސެބަލް ގެ ފަންނީ ބޭފުޅުން ކުޅުންތެރިންގެ ކުރިއެރުން ގާތުން ބައްލަވަމުން ގެންދަވާނެ ކަމާއި, ކުޅުންތެރިންނަށް ބޭނުންވާ މަސައްކަތްތަކާއި އިތުރު އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ފިޑޭއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިވާ ކުޅުންތެރިންނަށް އިތުރަށް ކުރިއެރުމުގެ ފުރުސަތުތަށް ލިބިގެންދާނެކަމަށްވެސް ފިޑޭއިން ބުނެއެވެ.