މި އަހަރުގެ އަޟްޙާ ޢީދުގައި މާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ޓީމް އެމްވައިއޭ ވާދަ ކުރާއިރު، އެ ޓީމުން ފެނިގެންދާނެ އެންމެ ތަފާތު ކުޅުންތެރިއަކަށްވާނީ، ޤައުމީ ވޮލީ ޓީމުގެ ޖާރޒީގައި މިހާރުވެސް ކުޅެމުން އަންނަ، މުޙައްމަދު އަޙުސަން (ސޮއްޓި) އެވެ.

ޖުމްލަ 9 ކުޅުންތެރިންނާއި އެކު މުބާރާތަށް ނިކުންނަ ޓީމް އެމްވައިއޭގައި ސޮއްޓިގެ އިތުރުން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އެގޮތުން، ރަށު ފެންވަރުގައި އަދި ރިސޯޓް ފެންވަރުގައި ކުޅެމުން އަންނަ، ޢަލީ ޙުސައިން (ޔަބެ) އަކީވެސް ވޮލީގައި ފާހަގަ ކޮށްލެވޭ ނަމެކެވެ. “ނިޔާމަ” ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ޔަބެ ވެސް މި މަހުގެ 15 ވަނަ ދުވަހު ޓީމާއި ގުޅޭނެ ކަމަށް ޓީމުގެ މެނޭޖްމަންޓުން މަޢުލޫމާތު ދެއެވެ.

“ޓީމު އޮތީ ވަރަށް ފިޓްކޮށް. މުބާރާތައް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން މި ދަނީ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޤައުމީ ލެވެލްގެ ކުޅުންތެރިއެއްވެސް ޓީމުން ފެނިގެން ދިއުން. ސޮއްޓިއަކީ ޤައުމީ ޓީމުގެ އެއްނަމްބަރު މިޑުލް ބްލޮކާރ. އިންޓަރނޭޝަނަލް ފެންވަރުގެ އެވޯޑެއްވެސް އިން ރާއްޖޭގެ ހަމައެކަނި ކުޅުންތެރިޔާ. ސޮއްޓިއާއި އެކު ޓީމުގެ އަމާޒު މިހުރީ ހަމަ ސީދާ ތައްޓަށް” ޓީމް އެމްވައިއޭގެ އޮފިޝަލް މުޙައްމަދު ޢަބްދު ٱللَّٰه‎ “ވަގުތު” އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހަމައެހެންމެ، އެންއެންޑީއެފްގައި ކުރިން މަސައްކަތް ކޮށްފައިވާ، ހުސާމަކީވެސް ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރި އެކެވެ. މާޖިދު ޢަލީ (ޖަމާ) ގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ޓީމް އެމްވައިއޭގެ ކެޕްޓަނަކީ ޙާލިދު ޢަލީ (ރޮނާ) އެވެ.

މުބާރާތުގައި ބައިވެރިވުމަށް 3 ޓީމަކުން މިހާރު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓީމް އެމްވައިއޭގެ އިތުރުން، މުޖީޓޯ އަދި ކޭންކޭން އެވެ.

މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 5000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭގޮތަށް އިޢުލާންކޮށްފައިވާ މުބާރާތެކެވެ. ކައުންސިލްގެ އެހީތެރިކަމާއި އެކު މުބާރާތް އިންތިޒާމު ކުރަނީ އައިލެންޑް ސްޕޯޓްސް އެކަޑަމީންނެވެ.

މުބާރާތް ބާއްވާނެ ރަސްމީ ތާރީހެއް އަދި އިޢުލާނެއް ނުކުރެއެވެ.