މި އަހަރުގެ އަޟްޙާ ޢީދުގައި މާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ޓީމް އެމްވައިއޭ ވާދަ ކުރާއިރު، އެ ޓީމުން ފެނިގެންދާނެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ވާނީ، ޢަބްދުލްމާޖިދު ޢަލީ (ޖަމާ) އެވެ.

މާފަރުގެ ވޮލީ ބޯޅަ އާއިލާއަކަށް އުފަން ޖަމާ އަކީ، ރަށުފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ޖަމާގެ އިތުރުން ހަމަ އެ އާއިލާގެ، ޚާލިދު ޢަލީ (ރޮނާ) ވެސް ޓީމް އެމްވައިއޭ އިން މިއަހަރު ފެންނާނެއެވެ. ރޮނާ އަކީ، ޓީމުގެ ކެޕްޓެނެވެ.

“މިދިޔަ އަހަރުން ފެށިގެން މުބާރާތަށް ތައްޔާރުވަމުން މި އައީ. ތެދަށް ބުނާކަމަށް ވަންޏާމު މި މުބާރާތަށް ވަރަށް ފިޓްކޮށް މިހުރީ. ހަޤީޤަތަށްބަލާއިރު، މުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވި ޓީމަކީ، އެމްވައިއޭ. މިފަހަރު އަމާޒު ތައްޓަށް ހިފާފަ މިހުރީ. އިރާދަކުރެއްވިއްޔާ މިއީ އެމްވައިއޭގެ ފަހަރު.” ޖަމާ ބުންޏެވެ.

ޖަމާގެ އިތުރުން އެމްވައިއޭ ޓީމުގައި މުޙިއްމު ގިނަ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އޭގެ ތެރޭގައި، އަޙުމަދު ޢަބްދުލްޣަނީ، ހުސާމް، ޔަބެގެ އިތުރުން އައްޒާމް އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ހަމައެހެންމެ،ރާއްޖޭގެ ޤައުމީ ޓީމަށް މިހާރުވެސް ކުޅެމުން އަންނަ މުޙައްމަދު އަޙުސަން(ސޮއްޓި) ވެސް ޓީމް އެމްވައިއޭއިން ފެންނާނެއެވެ.

މުބާރާތާއި ގުޅިގެން ވާހަކަ ދައްކަމުން ޓީމް އެމްވައިއޭގެ އޮފިޝަލެއް ކަމަށްވާ ހުސެއިން މުޙައްމަދު (ބަތޭ) ބުނީ، ޓީމް އެމްވައިއޭގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، މުބާރާތުގެ ތައްޓާއި މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށާއި، ވަރަށް ފަސޭހަ ކަމާއި އެކު މުބާރާތް ކާމިޔާބު ކުރާނެ ކަމަށެވެ.

މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 5000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭގޮތަށް އިޢުލާންކޮށްފައިވާ މުބާރާތެކެވެ. ކައުންސިލްގެ އެހީތެރިކަމާއި އެކު މުބާރާތް އިންތިޒާމު ކުރަނީ އައިލެންޑް ސްޕޯޓްސް އެކަޑަމީންނެވެ.
މުބާރާތް ބާއްވާނެ ރަސްމީ ތާރީހެއް އަދި އިޢުލާނެއް ނުކުރެއެވެ.