މި އަހަރުގެ އަޟްޙާ ޢީދުގައި މާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ޓީމް އެމްވައިއޭ ވާދަ ކުރާއިރު، އެ ޓީމުގެ ކެޕްޓަން ބޭންޑާއި އެކު މިފަހަރުވެސް ނިކުންނާނީ، ކާމިޔާބު ކެޕްޓަން، ޙާދިލު ޢަލީ (ރޮނާ) އެވެ.

މީގެ ކުރިން “ހިމްސް ފިއުލް” ގެ ނަމުގައި މާފަރުގައި ބޭއްވި ވޮލީ މުބާރާތުގައިވެސް ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ކުޅެ، ޓީމަށް މުބާރާތް ކާމިޔާބުކޮށްދިނުމަށްޓަކައި ރޮނާ ވަނީ މުޙިއްމު ދައުރެއް އަދާކޮށްފައެވެ.

އެ ކާމިޔާބީއާއި އެކު މިފަހަރުވެސް ރޮނާ ހުރީ މި މުބާރާތް ޓީމް އެމްވައިއޭއަށް ކާމިޔާބުކޮށްދިނުމުގެ ވަރަށް ވަރުގަދަ ޢަޒުމެއްގައެވެ.

“ޓީމްގެ ފަރިތަކުރުންތައް ދަނީ ކުރިއަށް. ޓީމުގެ މެނޭޖްމަންޓުން ވަރަށް ބޮޑު އުންމީދަކާއި އެކު އަހަންނަށް ކެޕްޓަން ބޭންޑު ހަވާލު ކުރީމަ، އެ އުންމީދުގައި އަހަރެންވެސް މިފަހަރު ތަފާތު މޮޅު ކުޅުމެއް ދައްކާނަން. ވޮލީގަ އަދިވެސް ރަށުފެންވަރުގަ ހަމަ ރަނގަޅަށް ކުޅޭނަން. އިރާދަކުރެއްވިއްޔާ މި މުބާރާތް އެމްވައިއޭއިން ކާމިޔާބު ކުރާނެ. މިހާރުވެސް ޓީމުތަކުން ޖެހިލުންވެއްޖެ” ރޮނާ ބުންޏެވެ.

ރޮނާގެ އިތުރުން އެމްވައިއޭ ޓީމުގައި މުޙިއްމު ގިނަ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އޭގެ ތެރޭގައި، އަޙުމަދު ޢަބްދުލްޣަނީ، ހުސާމް، ޔަބެގެ އިތުރުން އައްޒާމް އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
ހަމައެހެންމެ،ރާއްޖޭގެ ޤައުމީ ޓީމަށް މިހާރުވެސް ކުޅެމުން އަންނަ މުޙައްމަދު އަޙުސަން(ސޮއްޓި) ވެސް ޓީމް އެމްވައިއޭއިން ފެންނާނެއެވެ.

ޓީމު އޮތީ ވަރަށް ފިޓްކޮށް. މުބާރާތައް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން މި ދަނީ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޤައުމީ ލެވެލްގެ ކުޅުންތެރިއެއްވެސް ޓީމުން ފެނިގެން ދިއުން. ސޮއްޓިއަކީ ޤައުމީ ޓީމުގެ އެއްނަމްބަރު މިޑުލް ބްލޮކާރ. އިންޓަރނޭޝަނަލް ފެންވަރުގެ އެވޯޑެއްވެސް އިން ރާއްޖޭގެ ހަމައެކަނި ކުޅުންތެރިޔާ. ސޮއްޓިއާއި އެކު ޓީމުގެ އަމާޒު މިހުރީ ހަމަ ސީދާ ތައްޓަށް” ޓީމް އެމްވައިއޭގެ އޮފިޝަލް މުޙައްމަދު ޢަބްދު ٱللَّٰه (ފެންނަ) ‎ “ވަގުތު” އަށް މައުލޫމާތު ދެމުން ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް 3 ޓީމަކުން މިހާރު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓީމް އެމްވައިއޭގެ އިތުރުން، މުޖީޓޯ އަދި ކޭންކޭން އެވެ.
މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 5000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭގޮތަށް އިޢުލާންކޮށްފައިވާ މުބާރާތެކެވެ. ކައުންސިލްގެ އެހީތެރިކަމާއި އެކު މުބާރާތް އިންތިޒާމު ކުރަނީ އައިލެންޑް ސްޕޯޓްސް އެކަޑަމީންނެވެ.
މުބާރާތް ބާއްވާނެ ރަސްމީ ތާރީހެއް އަދި އިޢުލާނެއް ނުކުރެއެވެ.