މި އަހަރުގެ އަޟްޙާ ޢީދުގެ މުނާޞަބަތުގައި މާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ޓީމް އެމްވައިއޭ ވާދަ ކުރާއިރު، އެ ޓީމާއި މިއަދު ގުޅިފައިވާ، ރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު އަޙުސަން (ސޮއްޓި) އާއި އެކު ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފިއެވެ.

ޖުމްލަ 9 ކުޅުންތެރިންނާއި އެކު މުބާރާތަށް ނިކުންނަ ޓީމް އެމްވައިއޭގައި ސޮއްޓިގެ އިތުރުން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އެގޮތުން، ރަށު ފެންވަރުގައި އަދި ރިސޯޓް ފެންވަރުގައި ކުޅެމުން އަންނަ، ޢަލީ ޙުސައިން (ޔަބެ) އަކީވެސް ވޮލީގައި ފާހަގަ ކޮށްލެވޭ ނަމެކެވެ. “ނިޔާމަ” ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ޔަބެ ވެސް މި މަހުގެ 15 ވަނަ ދުވަހު ޓީމާއި ގުޅޭނެ ކަމަށް ޓީމުގެ މެނޭޖްމަންޓުން މަޢުލޫމާތު ދެއެވެ.

"ޓީމާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ރަސްމީކޮށް މއިަދު މި ފެށީ. ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑު އުންމީދެއްގަ. މި މުބާރާތް ކާމިޔާބު ކުރުންނޫން އެއްވެސް ޗޮއިސްއެއް މިއަދު ނެތް. މާފަރަށް އައީމަ މި މުބާރާތުގެ ވާދަވެރިކަން ފެނިއްޖެ. އެހެންވީމަ، މުބާރާތް ނެގުން ނޫން އިތުރު ގޮތެއް ނެތް" "ވަގުތު" އަށް މަޢުލޫމާތު ދެމުން ސޮއްޓި ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް 3 ޓީމަކުން މިހާރު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓީމް އެމްވައިއޭގެ އިތުރުން، މުޖީޓޯ އަދި ކޭންކޭން އެވެ.

މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 5000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭގޮތަށް އިޢުލާންކޮށްފައިވާ މުބާރާތެކެވެ. ކައުންސިލްގެ އެހީތެރިކަމާއި އެކު މުބާރާތް އިންތިޒާމު ކުރަނީ އައިލެންޑް ސްޕޯޓްސް އެކަޑަމީންނެވެ.

މުބާރާތް ފެށުމަށް ނިންމާފައި އޮތް ތާރީހަކީ، މި މަހުގެ 15 ވަނަ ދުވަހެވެ. އަދި މުބާރާތުގެ ފައިނަލް މެޗް ކުރުމަށް ހަމަޖެހިފައިވަނީ ޢަޟްޙާ ޢީދުގެ ފުރުތަމަ ދުވަހެވެ.