ސްޕެނިޝް ލީގު ކަޝަވަރު ކޮއްފައިވާ ބާސެލޯނާއިން ރޭ ސެލްޓާ ވިގޯ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލި ވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗްގައި ބާސެލޯނާ ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗް ބާސެލޯނާާއިން ކުޅެފައި ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން މިދިޔަ ހަފްތާ އެޓީމުން ލިވަޕޫލާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗަށް ބަލާ އިރު، ރޭގެ މެޗުގައި 11 ބަދަލެއް ޓީމުގެ ފުރަތަމަ 11އިން ފެނިފައިވެއެވެ.

ދެވަނަ ލެގަށް ޓީމު ރެސްޓް ކުރުމުގެ ގޮތުން، ޓީމުގެ ތަރި، ލިއޮނަލް މެސީ ސްކޮޑުގައިވެސް ހިމަނާފައެއް ނުވެއެވެ. އަދި ގޯލްކީަރުން ފެށިގެންވެސް ފެނުނީ ތަފާތު 11 އެކެވެ.

ރޭގެ މެޗްގައި ސެލްޓާއިން ޖެހި ދެ ގޯލްވެސް ކާމިޔާބު ކޮއްފައިވަނީ ދެވަނަ ހާފްގައެވެ.

މެޗުގެ 67 ވަނަ މިނަޓްގައި ސެލްޓާ އިން ގޯލް ކާމިޔާބު ކޮއްދީފައިވަނީ މެކްސީ ގޯމޭޒްއެވެ. އަދި މެޗު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް، ދެވަނަ ގޯލް ޖަހައިދިނީ އިއާގޯ އަސްޕާސްއެވެ. އަސްޕާސް މި ގޯލު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.

މެޗުން ލިބުނު 3 ޕޮއިންޓާއެކު ސެލްޓާ އިން ވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެފައެވެ. ބާސެލޯނާ ލީގު ޔަގީންވެފައި އޮތް އިރު، އެއްވަނައިގައި އެޓީމު އޮތީ 36 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ.