ޓްރާންސްފާ މާކެޓު ބަންދުވުމާއި ގާތަށް ޖެހިލާފައި ވާއިރު، ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) ގެ ތަރި ނޭމާ ހޯދުމަށް ރެއަލް މެޑްރިޑުން ބޮޑު ބިޑެއް ހުށަހަޅައިފިއެވެ.

ޕީއެސްޖީ އަށް ރެއަލް އިން ހުށަހަޅާފައި ވަނީ 110 މިލިއަން ޕައުންޑުގެ އިތުރުން މިދިޔަ އަހަރުގެ ބެލޯންޑިއޯ ވެސް ހޯދި ލޫކާ މޮޑްރިޗް ހިމެނޭ ބިޑެކެވެ. މީގެ ކުރިން ރެއާލްއިން މޮޑްރިޗް ދޫ ނުކުރަން ހުރި ނަމަވެސް، ޕްރީ ސީޒަންގެ ތެރެއިން ރެއަލް ދެއްކި ދަށް ކުޅުމުގެ ސަބަބުން، ފޯވާޑު ލައިނައުގައި ނަތީޖާ ބަދަލު ކުރެވޭ ފަދަ ކުޅުންތެރިއެއް ހޯދުމަށް އެ ކްލަބަށް ވަނީ މަޖުބޫރު ވެފައެވެ.

ލަލީގާ ޗެމްޕިއަން ބާސެލޯނާ އަށް ދާން ނޭމާ އަނެއްކާވެސް ބޭނުން ވެފައި ވާއިރު، ބާސާ އިން ރަނގަޅު ހުށަހެޅުމެއް ނުލިބޭތީ އެކަން އޮތީ ވާ ގޮތް ނުވެފައެވެ. ނަމަވެސް، އެންމެ ފަހުން ކުރި ބިޑާއި އެކު ނޭމާ ރެއަލް އަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ.

މީޑިއާތަކުން މައުލޫމާތު ދޭ ގޮތުގައި ބާސާ އިން ގްރީޒްމަން ގަތުމުން، ދެން ނޭމާ ފަދަ އަގުބޮޑު ކުޅުންތެރިޔަކު ގެންގުޅެ، ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އޭނާ އަށް ދެވޭނެ ހަމަ އެކަނި ޓީމަކަށް އޮތީ ރެއަލް މެޑްރިޑެވެ. އެހެން ކަމުން ނޭމާ އަށް އެންމެ ފައިދާ ވާނީ ރެއަލް އަށް ދިއުން ކަމަށް ބުނެއެވެ.