ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯގެ ހެއާ ޑްރެސާ (އިސްތަށިގަނޑު ރަނގަޅުކޮށްދޭ މީހާ) ރިކާޑޯ މާރކްއެސް ފެރޭރާ ސްވިޒްލޭންޑްގެ ގެސްޓް ހައުސްއެއްގެ ކޮަޓަރިއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ފެރޭރާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި، އެ ގެސްޓް ހައުސްގެ ކޮޓަރިތައް ސާފް ކުރަމުން ދިޔަ އަންހެނަކަށެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މެންދުރު 14:00 ގައި ކަމަށާއި، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިޖަހާފައި ހުރި ކަމަށް ޒިއުރިކް ފުލުހުންނާއި ހަވާލާތީ ރިޕޯޓްތައް ބުނެއެވެ.

ފެރޭރާ ހަށިގަނޑު ފެނުނު އަންހެން މީހާ ބުނީ، އޭނާއަށް ފެރޭރާގެ ހަށިގަނޑު ފެނުނީ އެ ކޮޓަރި ސާފް ކުރަން ވަނުމުން ކަމަށާއި، މަރާލާފައި އޮތް ފެރޭރާގެ ހަށިގަނޑު ފެނިފައި ވަނީ އެނދުމަތީ ލެއިން ތަތްތެޅިފައި އޮއްވާ ކަމަށެވެ.

އެ މީހާ ބުނިގޮތުގައި، ކޮޓަރި ތެރޭގައި ވަރަށް ގަދަޔަށް ބަނގުރާ ވަސްވެސް ހުއްޓެވެ.

ކަޖޫގެ ނަމުން ގިނަ ބަޔަކު މުހާތަބު ކުރާ ފެރޭރާ ޒިއުރިކް ގައި ދިރިއުޅެމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނު ގެސްޓް ހައުސްގައި އޭނާ އުޅެމުންދާތާ ވާނީ އަދި ހަފްތާއެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެ މައްސަލައާ ގުޅިގެން 39 އަހަރުގެ ބްރެޒިލް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ފުލުހުން ދަނީ އެމައްސަލަ އިތުރަށް ބަލަމުންނެވެ.

ރޮނަލްޑޯ މިހާރު ކުޅެމުން ދަނީ އިޓަލީގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ޔުވެންޓަސްއަށެވެ. 2018 ވަނަ އަހަރު ރިއަލް މެޑްރިޑް ދޫކޮށް އެ ޓީމާއި ގުޅުނު ރޮނަލްޑާ، ފެރޭރާ މަރާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ފެރޭރާއަކީ ރޮނާލްޑޯގެ އިތުރުން މަޝްހޫރު އެހެން ބައެއް ތަރިންގެވެސް އިސްތަށިގަނޑު ސްޓައިލް ކޮށްދޭ މީހެއްކަމަށް ވެއެވެ.