އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ކްލަބެއް ކަމަށްވާ އެސްޓޫޑިއާންޓޭސް އިން އެމީހުންގެ އާ ފުޓްބޯޅަ ދަނޑު ކުލަގަދަކޮށް ހުޅުވިއިރު، އެ ރަސްމިއްޔާތުގައި ސިންގާއެއްވެސް ވަނީ ރަމްޒީގޮތުން ބައިވެރިވެފައެވެ.

ތްރީ-ޑީ، ހޮލޮގްރާމް، ބޮޑު ސިންގާ ވަނީ އެސްޓޫޑިއާންޓޭސްގެ ފުޓްބޯޅަ ދަނޑު ހުޅުވިއިރު، އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ގޮސް ތިބި އެކްލަބުގެ އެތައް ހާސް ސަޕޯޓަރުންގެ ހިތަށް ހިތްހަމަޖެހުން ގެނެސްދީފައެވެ. "އަލިފާނުގެ ތެރޭގައި އޮތް ސިންގާ" ވަނީ ދަނޑުގެ ފުރާޅުމަތިން ފުންމައިގެން ގޮސް، ވިނަގަނޑު މައްޗަށް އަރައި، އެ ސޮރުގެ ރަސްމީ ބަހުރުވައިން ހަޅޭއްލަވައި، ސަޕޯޓަރުން މުނިފޫހިފިލުވަން ގިނަ ވައްތަރުތަކެއް ޖައްސާފައެވެ. ސިންގާގެ ޝޯ ގިނަ ބަޔަކަށް ކަމުދިޔައެވެ.

ގެއިން ޓީވީ މެދުވެރިކޮށް، އެސްޓޫޑިއާންޓޭސްގެ އާ ދަނޑު ހުޅުވުމުގެ މަންޒަރު ބެލި ފަރާތްތަކަށް އެއްވެސް އިތުރު ކަމެއް ނުކޮށް ސިންގާގެ ޙަރަކާތްތައް ފެނުމުގެ ފުރުސަތު ލިބިފައިވާއިރު، ސްޓޭޑިއަމަށް ދިޔަ ފަރާތްތަކަށް ސިންގާ ފެނުނީ އެމީހުންގެ ފޯނަށް އެޕްލިކޭޝަނެއް އަޅައިގެންނެވެ. އެހެން ނޫނީ ބޮޑު ސްކްރީން މެދުވެރިކޮށެވެ.
އެސްޓޫޑިއަންޓޭސް އިން 2005 ވަނަ އަހަރުން ފެށިގެން އެތަނުގައި ކުރިން ހުރި ސްޓޭޑިއަމް ބަންދުކޮށްފައިވެއެވެ. މުޅިން އާ މޮޑެލަކަށް، އެންމެ ފަހުގެ ޒަމާނީ ގޮތަށް އާ ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެކްލަބުގެ ލެޖެންޑުންގެ ފުޓްބޯޅަ މެޗެއްވެސް ކުޅެފައިވެއެވެ.

ސިންގާ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޖަނަވާރެވެ. ހިތްވަރު ހޯދަން، ނުވަތަ ބާރުގަދަ ކަން ދެއްކުމުގެ ގޮތުންވެސް ވަރަށް ގިނަ އިންސާނުން، އަދި ގްރޫޕުތަކުން، ފުޓްބޯޅަ ކްލަބްތަކުން އާއްމުގޮތެއްގައިވެސް ސިންގާގެ ނިޝާންތައް ބޭނުންކުރެއެވެ. އޭގެ ސަބަބުން އެމީހުންގެ ނަތީޖާތައް ރަނގަޅުވާން ހިތްވަރުލިބޭ ކަމަށް މީހުން ޤަބޫލުކުރެއެވެ.