އަންނަ އަހަރު ޓޯކިޔޯ ގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ރަޝިއާ އަށް ނިސްބަތްވާ އެތުލީޓުން ބައިވެރިވެ، އެމީހުންނަށް މެޑަލް ލިބެންޔާ، އެވޯޑިންގ ސެރަމަނީގައި އެމެރިކާގެ އެތުލީޓުން އެމީހުންގެ ނުރުހުން ފާޅުކުރަން ތައްޔާރަށް ތިބި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެމެރިކާގެ އެތުލީޓުން މިގޮތަށް ނިންމީ މަނާ ބޭސް ބޭނުންކުރުމުގެ ސަބަބުން ރަޝިއާ، ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ބާއްވާ ބައިނަލްއަޤްވާމީ ހުރިހާ ކުޅިވަރު ޙަރަކާތްތަކުން ބޭން ކުރަން ނިންމާފައިވަނިކޮށް، އެޤައުމުގެ އެތުލީޓުންނަށް ރަޝިއާގެ ދިދައިގައި ނޫންގޮތަށް، ވަކި ޤައުމަކަށް ނިސްބަތްނުވާ ބައެއްގެ ގޮތުގައި ވާދަކުރުމުގެ ހުއްދަ، ދުނިޔޭގެ ޑޯޕިން އޭޖެންސީ އިން ދިނުމާ ގުޅިގެންނެވެ.

މީގެ ކުރިންވެސް ރަޝިއާ އެތުލީޓުން ވަނީ "ނިއުޓްރަލް" އެތުލީޓުންގެ ގޮތުގައި ބައެއް ކުޅިވަރު ގޭމްސްތަކުގައި ބައިވެރިވެފައެވެ. މިދިޔަ އަހަރުގައި ބޭއްވި ވިންޓާ އޮލިމްޕިކްސް ގައި 168 ރަޝިއާ އެތުލީޓުން ވަނީ އެގޮތަށް ބައިވެރިވެފައެވެ. ރަޝިއާގެ އެތުލީޓުން މިގޮތަށް ބައިވެރިވެގެން ބައެއް އެހެން ޤައުމުތަކުގެ އެތުލީޓުންވެސް ވަނީ ރުޅި އަރުވާފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެމެރިކާގެ ވަރަށް ފުންނާބު އުސް ބައެއް އެތުލީޓުން ވަނީ އޮލިމްޕިކް ގޭމްސްގެ އެމީހުންނަށް އެވޯޑު ލިބޭ އިވެންޓަކުން ރަޝިއާގެ އެތުލީޓަކަށް އެވޯޑު ލިބެންޏާ، އެވޯޑިން ސެރަމަނީގައި ނުރުހުން ފާޅުކުރުމުގެ ގޮތުން ލޯގޯތަކެއް ބޭނުންކުރަން ނިންމާފައެވެ. އޮލިމްޕިކް ކުޅިވަރު ޙަރަކާތުގެ ތެރެއިން މިކަހަލަ ގޮތަކަށް އިހުތިޖާޖެއް ކޮށްފިއްޔާ، އެ އެތުލީޓުންނާ މެދު ދުނިޔޭގެ އޮލިމްޕިކް ކޮމިޓީ އިން ފިޔަވަޅު އެޅުމަކީ ވަރަށް ކައިރި ކަމެކެވެ.

މީގެ ކުރިން، އެމެރިކާގެ ކަޅު ދެ އެތުލީޓަކު ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅު ހެދުމުގެ ގޮތުން 1968 ވަނަ އަހަރު މެކްސިކޯގައި ބޭއްވި އޮލިމްޕިކް ގޭމްސްގެ ތެރެއިން، އެވޯޑިން ސެރަމަނީ ގައި ހަޅުތާލު ކުރުމުގެ ގޮތުން އަތުން އިޝާރާތް ކޮށްފައެވެ. އެކަމުގެ ސަބަބުން، އެމެރިކާ އިން ވަނީ ގޭމްސްގެ ތެރެއިން އެ އެތުލީޓުން އެނބުރި ޤައުމަށް ގެނެސްފައެވެ.