ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ތަރި އެންޓޯނިއޯ ގްރީޒްމަން ފުޓުބޯޅަ ކެރިއަރު ނިންމާލަން ބޭނުމީ އެމެރިކާގެ ލީގުގައި ކުޅެފައި ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ފްރާންސްގެ ތަރި ގްރީޒްމަން ބުނީ އޭނާ ރިޓަޔާވާން ބޭނުމީ ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފައި ކަމަށެވެ. އަދި ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފްރާންސަށް ހޯދައި ދިނުމަކީ ދެކޭ ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ.

އެއަށް ފަހު، ބޭނުން ވަނީ އެމެރިކާގެ ލީގުގެ ކްލަބަކަށް ކުޅުމަށް ފަހު ރިޓަޔާވާން ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަކަށް ނޭނގެ އަދި ކޮން ޓީމެއް ކަމަކަށް ކަމެއް އެމެރިކާގައި ކުޅޭނީ. އެތަނުގައި ބޭނުމަކީ އެ ލީގަށް ވާދަކުރާ ޓީމަކާ ގުޅިގެން ކާމިޔާބު ހޯދަން،" ފްރާންސްއާ އެކު އެންމެ ފަހުން ބޭއްވި ވޯލްޑްކަޕް ކާމިޔާބު ކުރުމުގައި އިސް ރޯލެއް އަދާކުރި ގްރީޒްމަން ބުންޏެވެ.

މިދިޔަ އަހަރުގައި އެތްލެޓިކޯ މެޑްރިޑުން ބާސެލޯނާ އަށް 135 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ގުޅުނު ގްރީޒްމަން ވަނީ ބާސާއަށް މިހާތަނަށް 26 މެޗު ކުޅެ އަށް ލަނޑު ކާމިޔާބުކޮށްފައެވެ. އެތްލެޓިކޯ މެޑްރިޑާ އެކު ޔޫރަޕާ ލީގު ކާމިޔާބު ކުރި ގްރީޒަމްނ ވަނީ މީގެ ދެ އަހަރު ކުރިން ވެސް ލީ ފިގަރޯ އަށް ދިން އިންޓަވިއުއެއްގައި ވޯލްޑް ކަޕާއި ޗެމްޕިއަން ލީގު ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.

ގްރީޒްމަން ބާސެލޯނާ އާ ގުޅުމަށް ފަހު އެންމެ އެދެވޭ ކުޅުމެއް މިހާތަނަށް ދެއްކިފައި ނުވާ އިރު، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބާސެލޯނާ އިން ނޭމާ އަލުން ގެންނަން ކުރާ މަސަައްކަތުގައި ގްރީޒްމަން ޕީއެސްޖީ އަށް ހުށަހަޅަން އޮތީ ތައްޔާރުވެފައެވެ.

ސްޕެއިންގެ ރެއާލް ސޮސައިދާދުން ވިދާލި ގްރީޒްމަން އެތްލެޓިކޯ މެޑްރިޑަށް ބަދަލުވީ 2014 ގައެވެ.