ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ އެއްބަސްވުން އާ ކުރަން އެ ޓީމުން ތައްޔާރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސްޕެއިންގެ ޑިފެންޑަރަށް ދޭން ނިންމާފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ރިއާލުން ގެންގުޅޭ އުސޫލުގެ ދަށުން 32 އަހަރުން މަތީގެ ކުޅުންތެރިންނަށް އެ ޓީމުން ހުށަހަޅަމުން ދަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މި އުސޫލާ އެއްގޮތަށް 34 އަހަރުގެ ރާމޯސް އަށް ވެސް މެޑްރިޑުން ހުށަހަޅާނީ އެއް އަހަރު ދުވަހެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރާމޯސް ރެއާލްއާ އެކު ހަދާފައި އޮތް އެއްބަސްވުން އަންނަ އަހަރު ހަމަވާނެއެވެ.

މީގެ ތިން މަސް ކުރިން ދިން އިންޓަވިއުއެއްގައި ރާމޯސް މެޑްރިޑުން އޭނާ ބަހައްޓަން ބޭނުންވާ ކަމުގައިވާ ނަމަ، ޓީމުގައި މަޑު ކުރާނެ ކަމަށެވެ.

"ކްލަބާ އެކު އަހަރެންނަށް އަދި އެއްބަސްވުމަކަށް އާދެވޭނެ. އަދި އެކަމާ އެހާ އަވަސް ކުރާކަށް ނެތިން. އަހަރެން ނުބުނާނަން ކްލަބް ކައިރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ދޭކަށް. އަހަރެން ގަބޫލު ކުރަން ވަކި އުމުރަކަށް ދިޔައީމަ ކްލަބުން ވެސް ހުށަހަޅާނީ އެއް އަހަރު ދުވަސް ކަން. އެކަމާ ދެކޮޅުވާކަށް ނެތިން،" ރާމޯސް ބުނެފައިވެއެވެ.

"ކްލަބުން އަހަރެން ބަހައްޓަން ބޭނުން ނަމަ، އަހަރެން ހުންނާނީ މިތަނުގައި،"

ރިޕޯޓުތައް ބުނާ ގޮތުގައި ރާމޯސް މެޑްރިޑުން ނުކުޅޭ ނަމަ، ދެން އޭނާ ފެނުން ގާތީ އެމެރިކާ ލީގުންނެވެ.

ސެވިއްޔާއިން 2005 ވަނަ އަހަރު މެޑްރިޑަށް ގުޅުނު ރާމޯސް ވަނީ މެޑްރިޑްގައި 15 އަހަރު ކުޅެ، 640 މެޗުން 92 ލަނޑު ކާމިޔާބުކޮށް ދީފައެވެ.