ކޮވިޑް-19 އަށް ފަހު، ފަތުރުވެރިކަން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރާއްޖޭން ސްޕޮންސާކޮށްފައިވާ ސްޕެނިޝް ލީގުގެ ކްލަބު، ސެލްޓަ ވީގޯގެ ބައެއް ކުޅުންތެރިން ރާއްޖެ އިސްތިހާރުކޮށްދީފިއެވެ.

ރާއްޖޭގެ ބޯޑަރުތައް އަންނަ މަހު ހުޅުވާލަން ސަރުކާރުން ނިންމާފައިވާ އިރު، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިންނަށް ކުރިއަށް ވުރެ ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމު ކުރުމެވެ. އެގޮތުން، ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށައިފައެވެ.

އެގޮތުން، މިހާތަނަށް އާންމު ކުރި އެންމެ ހާއްސަ އެއް ވީޑިއޯއަކީ ރާއްޖެ އިސްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެޑައިގެންނެވި ވީޑިއޯއެވެ. އެ ވީޑިއޯގައި އަލީ ވަހީދު ލެޕްޓޮޕަކާ އެކީގައި ފިނޮޅެއްގައި އިންނަވާ މަންޒަރު ފެނިފައިވެއެވެ.

ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތުގައި ކޮންމެ ބަޔަކު ވެސް ދެނީ އެއް މެސެޖެކެވެ. އެއީ "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" އެވެ.

ޓޫރިޒަމް މިނިސްޓްރީން މިފަހަރު އާންމު ކުރި ވީޑިއޯއަކީ ސެލްޓަ ވީގޯގެ ބައެއް ކުޅުންތެރިން އެ މެސެޖް ދޭ މަންޒަރެވެ. އެ ވީޑިއޯގައި ރާއްޖެ އިސްތިހާރު ކުރުމުގައި ބައިވެރިވީ ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅެފައިވާ ފޯވާޑް އިއާގޯ އަސްޕާސް އާއި ބާސެލޯނާގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ރަފީނިއާ އަލްކަންޓްރާ އާއި ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު ޑެނިސް ސުއާރޭޒް އަދި ރަޝިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފިޔޯޑޯ ސްމޯލޯފްއެވެ.

ސެލްޓަ ވިގޯ އާއި ރާއްޖެ ގުޅިގެން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އިރު، މިކަމުގެ ސަބަބުން ރާއްޖެ ޓޫރިޒަމް އިތުރަށް ފުޅާވެގެން ދުނިޔޭގެ އެކި ގައުމުތަކަށް ރާއްޖެ މަޝްހޫރު ވެގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރީން އުއްމީދު ކުރެއެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ރާއްޖެ އިޝްތިހާރު ކުރުމަށް ނުވަ ލައްކަ ޑޮލަރު ( 13 މިލިއަން ރުފިޔާ) ސެލްޓަވީގޯއަށް ދޭން ޖެހޭނެއެވެ.

ރާއްޖެ އާއި ސެލްޓަ ވީގޯއާއެކުވީ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް އެ ކްލަބުތަކުގެ ޓްރެއިނިން ފެސިލިޓީސްތައް ބޭނުން ކުރެވޭނެ މަގު ފަހި ވެގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސެލްޓާއާ އެކު އެއްބަސްވުމެއް ހެދިއިރު، އެ ޓީމުގެ ހާލަތު އޮތީ އެންމެ ރަނގަޅު ފައްތަރުގައެއް ނޫނެވެ. ސްޕެނިޝް ލީގުގައި އެ ޓީމު އޮތީ 17 ވަނައިގައެވެ. އެއީ 26 ޕޮއިންޓާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ހީވަނީ ތިޓީމުމީހުން ހިލޭސާބަހައް ކޮއްދިން ކަމެއްހެން.... އަހަރުމެންގެ ޓެކުސް ފައިސާއިން 13 މިލިއަން ރުފޔާ ދީފަ އޮންނާނީ މިގައުމު އިސްތިހާރު ކުރަން...އަދި އެވެސް ކޮންމެ އަހަރަކު 13 މިލިޔަން ދިވެހި ރުފިޔާ...

  2. 13 މިލިޔަން

    ސުބުހާނަاللة. ތިއޮތީ ހަރަދަށްބަލާފަ. ހައްޕު