ޗެލްސީގެ ވިންގާ ޕެޑްރޯ އިޓަލީގެ އޭ އެސް ރޯމާއާ ގުޅެން އެއްބަސްވެއްޖެއެވެ.

ސްކައި ސްޕޯޓްސް އިން ހާމަ ކުރި ގޮތުގައި މި ސީޒަން ނިމުމަށް ފަހު ޕެޑްރޯ ޗެލްސީ ދޫކޮށް ލާނެއެވެ. މި މަހު 30 އަށް ޕެޑްރޯގެ މިހާރުގެ އެއްބަސްވުން ޗެލްސީ އާއެކު ހަމަވާ އިރު އޭނާ ވަނީ މި ސީޒަން ނިމެންދެން ޗެލްސީގައި މަޑު ކުރުމަށް ކުރު މުއްދަތެއްގެ އެއްބަސްވުމެއް ހަދައިފައެވެ.

އެހެން ކަމުން އާ އެއްބަސް ވުމާއިއެކު ޕެޑްރޯ ޗެލްސީގައި މި ސީޒަން ނިމެންދެން މަޑު ކުރާނެއެވެ.

ސްކައި ސްޕޯޓްސް އިން ހާމަ ކުރި ގޮތުގައި ޕެޑްރޯ ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހަފްތާއަކު 50000 ޕައުންޑުގެ މުސާރައެއް ގައި ރޯމާއާ މި ސީޒަން ނިމުމަށްފަހު ގުޅެން އެއްބަސް ވެފައެވެ. ޕެޑްރޯ ޗެލްސީ އާއި ގުޅުނީ 2015 ވަނަ އަހަރު ބާސެލޯނާ އިންނެވެ.

ޗެލްސީގެ ކޯޗު ކަމާއި ފްރޭންކް ލަމްޕާޑް މިދިޔަަ ހޫނު މޫސުމުގައި ހަވާލުވީ ހިސާބުން ޕެޑްރޯވަނީ މިހާތަނަށް އޭނަގެ ކޯޗުކަމުގެ ދަށުން ޗެލްސީއަށް 18 މެޗު ކުޅެ ދީފައެވެ. އޭނާ ކުލަބް ދޫކޮށް ލުމުގެ ކުރިން ޗެލްސީއަށް ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްދޭން އޭނާ ބޭނުން ވާކަމަށް ރިޕޯޓުތަށް ބުނެއެވެ. އަދި މީގެ އިތުރުން ޗެލްސީއާއެކު އެފްއޭކަޕް މި ސީޒަން ކާމިޔާބު ކުރުމަކީވެސް ޕެޑްރޯގެ އަމާޒެކެވެ. އޭނާ ވަނީ މިހާތަނަށް ޗެލްސީއަށް 201 މެޗު ކުޅެދީ 43 ލަނޑު ކާމިޔާބު ކޮށްދީފައެެވެ.

ކިޔުންތެރިންގެ ހިޔާލު