ޖަރުމަނުގެ ބުންޑަސް ލީގާގެ ފަހު މެޗު ޗެމްޕިއަން ބަޔާން މިއުނިކުން ފަސޭހަކަމާ އެކު ކާމިޔާބުކޮށްފިއެވެ.

ވުލްފްސްބާގްއާ އެކުގައި ބަޔާން ކުޅުނު މެޗު ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ކާމިޔާބު ކުރި އިރު ބަޔާން އިން ވަނީ ލީގުގައި 100 ލަނޑު ފުރިހަމަކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު، ބަޔާންގެ ކިންގްސްލޭ ކޯމަން ކާމިޔާބުކޮށްދިނީ މެޗު ފަށައިގެން ތިން ވަނަ މިނެޓުގެ ތެރޭގައެވެ. ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ބަޔާން މޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މައިކަލް ކުއިސޭންސްއެވެ.

މެޗުގެ ދެ ވަނަ ހާފްގައި ވުލްފްސްބާގެ ޖޯޝުއާ ގުއިލަވޯގިއާ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރަތް ކާޑު ދެއްކިއެވެ. އަދި ބަޔާނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޮސްކީއެވެ. މެޗުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.

ބަޔާނަށް މި މެޗުގައި ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

ފަހު މެޗުން މޮޅުވެ ބަޔާން ލީގު ކާމިޔާބު ކުރިއިރު ވަނީ ގިނަ ރެކޯޑުތަކެއް ހޯދައިފައެވެ. އެގޮތުން ލީގުގައި މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެސިސްޓް ހެދި ކުޅުންތެރިޔާ އަކީ ބަޔާންގެ ދެ ކުޅުން ތެރިންނެވެ. މީގެ އިތުރުން އެންމެ ޒުވާން މޮޅު ކުޅުންތެރިޔާ އަދި ލީގުގެ އެންމެ ހަލުވި ކުޅުންތެރިޔާވެސް ލިބިފައިވަނީ ބަޔާންގެ ކުޅުންތެރިންނަށެވެ. މިސީޒަންގައި ބަޔާންއަށް އަދި ބާކީ ޗެންމްޕިއަންސް ލީގު އެބަ އޮތެވެ.