ބްރެޒިލްގެ ތަރި އާތާ މެލޯ ޔުވެންޓަސް އަށް ސޮއިކުރިކަން ބާސެލޯނާ އިން އިއުލާންކޮށްފިއެވެ. އަދި ޔުވެންޓަސްގެ މިޑްފީލްޑަރު މިރެލަމް ޕިޖެނިކް ވަނީ ބާސެލޯނާއާ ގުޅޭނެ ކަން އިއުލާންކޮށްފިއެވެ.

އާތާ މެލޯ 75 މިލިއަނަށް ޔުވެންޓަސް އަށް ވިއްކާލަން ނިންމިޔަސް، އޭނާ މި ސީޒަން ނިމެންދެން ބާސާގައި މަޑު ކުރާނެއެވެ. އުމުރުން 30 އަހަރުގެ ޕިޖެނިކް ޔުވެންޓަސް އިން ބާސެލޯނާ އަށް ވިއްކީ 60 މިލިއަން ޔޫރޯގެ އަގެއްގައި ހަތަރު އަހަރުގެ މުއްދަތަކަށެވެ.

ޔުވެންޓަސްގެ މިޑްފީލްޑަރު މިރެލަމް ޕިޖެނިކ

އުމުރުން 23 އަހަރުގެ އާތާ ބާސެލޯނާ އާ ގުޅުނީ 2018 ވަނަ އަހަރުގައި ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ހަފްތާގައި އާތާ ޔުވެންޓަސް އަށް ވިއްކާލުމުގެ އަޑުތައް ފެތުރިފައި ވަނީ އާތާ މެލޯ ބާސެލޯނާގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައިވަނިކޮށެވެ. އެކަމަކު، ފަހުން ނިންމުން ބަދަލުކޮށް އޭނާ ޔުވެންޓަސް އަށް ބަދަލުވީ ފަސް އަހަރުގެ މުއްދަތަކަށެވެ.

އާތާ ޔުވެންޓަސް އަށް ވިއްކާލުމުން ބާސާގެ ބޯޑަށް ވަނީ ސަޕޯޓަރުންގެ ފަރާތުން ފާޑު ކިއުންތަކާ ކުރިމަތިވެފައެވެ. ޕިޖެނިކް ބާސެލޯނާ އަށް ސޮއިކުރިއިރު، އޭނާ ބާސާ އަށް ކުޅެން ފަށާނީ އަންނަ ސީޒަންގައެވެ.

އޭނާ ވަނީ ޔުވެންޓަސް އަށް 214 މެޗު ކުޅެދީފައެވެ.