ރޮބާޓް ލެވަންޑޮސްކީ މި ސީޒަންގައި ކާމިޔާބު ކުރި 50 ވަނަ ލަނޑާއެކު ލެވަކޫސަން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަނު ކަޕް 20 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

ޖަރުމަން ކަޕް ފައިނަލްގައި ބަޔާން މިއުނިކާއި ލެވަކޫސަން ބައްދަލުކުރި މެޗު 4-2 އިން ގެ ނަތީޖާ އަކުން ބަޔާން ވަނީ ރިކޯޑެއް ހަދައިފައެވެ.

ފަސޭހަކަމާ އެކު ބަޔާން ކާމިޔާބު ކުރި މެޗުގެ 16 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމެއްގައި ޑޭވިޑް އަލާބާ ވަނީ ލެވަކޫސަންގެ ގޯލް ހުޅުވައިދީފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ކިމިޗް ލީގެ ޕާހަކުން އޭރިއާ ތެރެއަށް ވައްދާލައިގެން ގްނެބްރީ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ 59 ވަނަ މިނަޓްގައި ބަޔާންގެ ކީޕަރު މެނުއެލް ނެއާ ފޮނުވާލި ބޯޅައެއް ލެވަންޑޮސްކީ ހޯދައި އޭރިއާ ބޭރުން ވޮލީގެއް ގޯލުގެ ތެރަށް ފޮނުވާލައި ވަނީ މެޗުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑާއި އެކު އޭނާ ވަނީ މިސީޒަންގައި 50 ލަނޑު ކާމިޔާބު ކޮށްފައެވެ.

ލެވަކޫސަންގެ ފުރަތަމަ ލަނޑު ލިބުނު ކޯނަރެއްގައި 64 ވަނަ މިނަޓްގައި ބެންޑާ ބޮލުން ޖަހައި ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ މާ ގިނައިރު ތަކެއް ނުވެ ލެވަންޑޮސްކީި ޗިޕެއް ޖަހައި ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ފައެވެ. މެޗު ނިމެން ވަނިކޮށް ލިބުނު ޕެނަލްޓީއެއް ގައި ހަވޭޓްޒް ކާމިޔާބު ކުރި ލަނޑާއި އެކު ލެވަކުސެން އިން ވަނީ އެޓީމުގެ ދެވެނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މި މެޗު ކާމިޔާބު ކުރެވުމާއި އެކު ބަޔާން އިން ވަނީ 17 މެޗުން ބަލިނުވެ ރެކޯޑެއް ގާއިމްކޮށްފައެވެ. ޖަރުމަނު ކަޕް ކާމިޔާބް ކުރެވުމާއެކު ބަޔާން އިން ބވަނީ މިސީޒަންގައި މިހާތަނަށް ދެ ތަށި ކާމިޔާބުކޮށް ޓްރެބަލް ކާމިޔާބު ކުރުމުގެ އުއްމީދު އާކޮށްފައެވެ.