މިރޭ ލަލީގާ ގައި ތަފާތު ބޮޑު ނަތީޖާ އަކުން ބާސާއިން ޑިޕޯޓިވޯ އަލްވެސް ބަލިކުރި އިރު ބާސާގެ ކެޕްޓަން މެސީ ގޯލްޑަން ބޫޓު ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

މިރޭ ޑިޕޯޓިވޯ އަލްވެސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކުރީ 5-0 ގެ ފަރަގު ބޮޑު ނަތީޖާ އަކުންނެވެ. މި މެޗުގައި މެސީވަނީ މޮޅު ކުޅުމެއް ދައްކައި ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ދެ ލަނޑާއި އެކު ގޯލްޑެން ބޫޓު ރޭހުގައި މެސީ 25 ގޯލާއި އެކު އެއް ވަނާގައި އޮތީ ކަރިމް ބެންޒީމާ އަށް ވުރެން 4 ލަނޑު ކުރީގައެވެ. މެސީ މި ސީޒަންގައި ގޯލްޑެން ބޫޓު ކާމިޔާބު ކޮށްފިނަމަ އޭނާއަަށް 7 ވަނަ ގޯލްޑަން ބޫޓު ކާމިޔާބު ކުރެވޭނެ އެވެ.

ގިނައިރު ބޯޅަ ހިފަހައްޓައިގެން ބާސާއިން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ތިން ލަނޑު ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ލަނޑު 24 ވަނަ މިނަޓް ގައި ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީ ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ ދެވަނަ ލަނޑު މެސީ ކާމިޔާބު ކުރިއިރު ފުރަތަމަ ހާފް ނިމެން ދަނިކޮށް މެޗުގެ 44 ވަނަ މިނެޓް ގައި ޖޯޑީ އަލްބާ ހޯދައިދިން ފުރުސަތެއްގައި ސުއަރޭޒް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ.

ދެވަނަ ހާފްގައި ބާސާއިން އެލްވަސްގެ ގޯލަށް ނުރައްކާ ކުރިއިރު 57 ވަނަ މިނަޓް ގައި ނެލްސަން ސަމީޑޯ ވަނީ ބާސާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފަހު ލަނޑަކީ ޖޯޑީ އަލްބާ ހޯދައިދިން ފުރުސަތެއް ގައި މެސީ ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުން ބާސާ މޮޅުވި ނަމަވެސް ރިއަލް މެޑްރިޑް ވަނީ ލަލީގާ ކާމިޔާބު ކޮށްފައެވެ. މިރޭ ރިއަލް މެޑްރިޑް އެ ޓީމުގެ ފަހުމެޗު ކުޅޭއިރު ބެންޒިމާ މި މެޗުގައި 4 ލަނޑު ކާމިޔާބު ނުކޮށްފިނަމަ މެސީއަށް ޖެހިޖެހިގެން އޭނާގެ ހަތަރު ވަނަ ގޯލްޑަން ބޫޓު ޔަގީންވެގެން ދާނެއެވެ. ބާސާއަށް އަދި މި ސީޒަންގައި ޗެންޕިއަންސް ލީގު މެޗުތަށް ކުރިއަށް އެބަ އޮތެވެ.