މި ސީޒަންގައި ބާސާއިން ކުޅޭ ޗެންޕިއަންސް ލީގުގެ މެޗުތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދަމުންދާ އާރްތޫރް މެލޯއަށް ފިޔަވަޅު އަޅަން ބާސާއިން ނިންމާފައި ވާކަމަށް ރިޕޯޓުތަށް ބުނެފިއެވެ.

އަންނަ ސީޒަންގައި ޔުވެންޓަސް އަށް ކުޅެން ނިންމާފައިވާ އާރްތޫރް ބާސާއަށް ކުޅެން ދެކޮޅު ހަދާފައިވާ އިރު ބާސާއިން ޗެންޕިއަންސް ލީގުގައި ކުޅެން ނެގި ސްކޮޑްގައި އޭނާ ހިމަނާފައިވެއެވެ.

އެގޮތުން ބްރޭކަކަށްފަހު ބާސާއިން އަންގާރަ ދުވަހު އަލުން ފަރިތަކުރުންތައް ފެށިއިރު ފުރަތަމަ ޓްރެއިނިން ސެޝަންތަކުގައި އޭނާ ބައިވެރި ނުވެ ކޮވިޑް-19 ޓެސްޓް ހަދަން ވެސް ހާޒިރުނުވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެހެންކަމުން އާރްތޫރަށް ފިޔަވަޅު އަޅަން ބާސާގެ ބޯޑުން މިހާރު ނިންމާފައިވާ ކަމަށާއި، ޗެމްޕިއަންސް ލީގުގައި އާރްތޫރް ނުކުޅެފިނަމަ އޭނާ ބޮޑު އަދަދަކުން ޖޫރިމަނާއެއް ކުރަން ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުން ބޭނުންވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާތޫރް މި ވަގުތު ބްރެޒިލްގައި ހުރިއިރު، އޭނާ ދެން ޔޫރަޕަށް ދާނީ ސެޕްޓެމްބަރު މަހު ޔުވެންޓަސްއާ ރަސްމީކޮށް ގުޅެންށެވެ. ބާސެލޯނާ އާއި ޔުވެންޓަސްގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ތެރެއިން އާރްތޫރް 80 މިލިއަން ޑޮލަރުގެ އަގަކަށް ޔުވެންޓަސްއާ ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދާފައި ވާއިރު އެ އެއްބަސް ވުމުގެ ތެރެއިން ޔުވެންޓަސް އަށް ކުޅޭ ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބާސެލޯނާއާ ގުޅޭނެއެވެ.

މި އެއްބަސްވުމުގެ ތެރެއިން ބޯނަހުގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯ ޔުވެންޓަސްއިން ބާސާއަށް ދައްކަން ޖެހޭނެއެވެ. ބާސާގައި މަޑުކުރަން އާރްތޫރް ބުނެފައި ވާއިރު ބާސާއިން އޭނާ ވިއްކާލީ އޭނާގެ ހިތާއި ދެކޮޅަށެވެ.