ޗެންޕިއަންޝިޕް ޕުލޭ އޮފް ފައިނަލުގައި ފުލަމް އާއި ބްރެންފޯޑް ބައްދަލު ކުރި މެޗު ފުލަމް އިން ކާމިޔާބުކޮށް އަނެއްކާވެސް ޕްރިމިއާ ލީގާއި ގުޅިއްޖެއެވެ.

2019 ވަނަ އަހަރު ފުލްހަމް ޕްރިމިއާ ލީގުން ރެލިގޭޓް ވެފައި ވާއިރު ރޭގެ ޕްލޭ އޮފް މެޗު ކާމިޔާބުކޮށް އެ ޓީމުން ވަނީ އަނެއްކާވެސް އަންނަ ސީޒަންގެ ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗު ފުލަމް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހުރިހާ ލަނޑެއް ފެނިގެން ގޮސްފައި ވަނީ ނަތީޖާ ހޯދަން ކުޅުނު އިތުރު ވަގުތުގައެވެ. މެޗުގެ ފުރަތަމަ ލަނޑު އެކްސްޓްރާ ޓައިމްގެ 105 ވަނަ މިނެޓް ގައި ލިބުނު ހިލޭ ޖެހުމެއްގައި ފުލަމްގެ ބްރިޔާން ކާމިޔާބުކޮށް ލީޑު ނެގިއިރު ދެވަނަ ލަނޑު ވެސް ފުލްހަމް އަށް ކާމިޔާބު ކޮށްދިނީ ބްރިޔާން އެވެ. މި ލަނޑަކީ އެލެކްސެންޑްރާ މިޓްރޮވިކްގެ އެހީތެރި ކަމާއި އެކު އޭނާ ވަރަށް ރީޗަށް ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ބްރެންޓްފޯޑްގެ ހަމަ އެކަނި ލަނޑު މެޗުގެ 120 ވަނަ މިނަޓް ގައި ޑަލްސަގާޑް ކާމިޔާބު ކުރީ ކްރިސްޓިއަން ނިއޮރްގާޑްގެ އެހީތެރި ކަމާއި އެކުގައެވެ. ބްރެންޓްފޯޑް އިން މި މެޗުން ބަލިވުމާއި އެކު 73 އަހަރަށް ފަހު ޕްރިމިއާ ލީގާއި ގުޅުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

ބްރެންޓްފޯޑް އިން މިހާތަނަށް 4 ޕްލޭއޮފް ފައިނަލް ގައި ވާދަކޮށް ބަލިވެފައި ވާއިރު 9 ޕްލޭއޮފް މެޗުތަކުގައި ވާދަކޮށް އެންމެ ގިނައިން ބަލިވި ޓީމުގެ ގޮތުގައި ވަނީ ހިމެނިފައެވެ. ޕްރިމިއާ ލީގުގެ އަންނަ ސީޒަން ސެޕްޓެމްބަރު 12 ގައި ފެށުމަށް ނިންމާފައި ވާއިރު ފުލަމް އިން އެކިއެކި ކަންތައްތައް ރަނގަޅު ކުރަން ޖެހޭކަމަށް އެ ޓީމުގެ ކޯޗު ވަނީ ފާހަގަ ކޮށްފައެވެ.