ބްރެޒިލްގެ ވިންގާ ވިލިއަންް ހަތް އަހަރަށް ފަހު ޗެލްސީ ދޫކޮށްލާނޭ ކަން އިއުލާންކޮށްފިއެވެ.

ޗެލްސީ އާ މެދު ވިލިއަން ހިތްހަމަ ނުޖެހިފައިވާކަން ދާދި ފަހުން ރިޕޯޓުތައް ބުނަމުން ދިޔައިރު އިއްޔެ ވިލިއަން ވަނީ އެ ކުލަބް ދޫކޮށްލާނޭ ކަމަށް ބުނެފައެވެ. ޗެލްސީގެ ސަޕޯޓަރުންނަށް ފޮނުވި ސީޓީއެއްގައި ވިލިއަން ބުނީ ބަދަލު ވާން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.

"އެހެން ކުލަބަކަށް ބަދަލުވާން ޖެހޭ ކަމުގެ ވަގުތު އައިސްފި. އަހަރެން ކުލަބް ދޫކޮށްލާނީ ވަރަށް ސާފު އިލްމަކާއެކު، ކުލަބުގައި އެކިއެކި ކާމިޔާބީތައް ހޯދައި އަދި އަބަދުވެސް އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކިން،" ވިލިއަން ބުންޏެވެ.

"ކުލަބުގައި ވަރަށް އުފާވެރި ދުވަސްތަކެއް އައި. ހިތާމަވެރި ވަގުތުތަކާ ކުރިމަތިވި އަދި އެކިއެކި މުބާރާތްތަށްވެސް ކާމިޔާބު ކުރެވުނު،"

ވިލިއަން ކުލަބް ދޫކޮށްލާނޭ ކަމަށް އަޑު ފެތުރުނު އިރު އޭނާވަނީ ޗެލްސީއާއި އެކު އެއްބަސްވުން އާކުރުމަށް ޝަރުތުތަކެއް ކޮށްފައެވެ. މިހާރު ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާއިރު ކުރިން އޭނާ ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށާއި ސީޒަނެއްގައި ވަކި އަދަދަކަށް މެޗުތަކުން ފުރުސަތު ދޭ ގޮތަށް ޗެލްސީއަށް ޑިމާންޑް ކޮށްފައެވެ.

ނަމަވެސް އެ ދެ ކަންތަކުން ކުރެ އެއްވެސް ކަމެއް ފުރިހަމަކޮށްދޭން ޗެލްސީން ބޭނުންނުވިއިރު، ފަހުން އޭނާއާ އިތުރަށް އެއްވެސް ކަމަކަށް މަޝްވަރާކޮށްފައެއް ނުވެއެވެ. އެކަމާއިމެދު ވިލިއަން ޗެލްސީއާ މެދު ހިތްހަމަ ނުޖެހުނުކަން ރިޕޯޓްތައާ ބުނި އިރު އާސެނަލްއާއި ގުޅޭނޭ ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފައެވެ.

މީގެ ފަސް އަހަރު ކުރިން 2013 ވަނަ އަހަރު ރަޝިއާގެ އަންޒީ މަކަޗްކާލާ އިން 30 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީއާ ގުޅުނު ވިލިއަން ވަނީ ޗެލްސީއަށް 339 މެޗު ކުޅެދީފައެވެ. އަނިޔާގެ ސަބަބުން ބަޔާން މިއުނިކާއާ އެކު ޗެލްސީ ކުޅުނު މެޗުގައި ވިލިއަމް ހިމަނާފައި ނުވާއިރު އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ވިލިއަން އާސެނެލްއަށް ސޮއިކުރާނެއެވެ.