ޔޫރަޕާ ލީގުގެ ކުއާޓާ ފަައިނަލްގައި އިންޓަ މިލާނާއި ޖަރުމަނުގެ ބަޔާ ލެވާކުސަން ބައްދަލު ކުރި މެޗު އިންޓާ އިން ކާމިޔާބުކޮށް ސެމީއަށް ދަތުރުކޮށްފިއެވެ.

ޑުސެލްފޯޑްގައި ކުޅުނު މެޗު އިންޓަ މިލާނުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ކޮވިޑް-19 އާ ގުޅިގެން މެދުކެނޑުމަކަށް ފަހު ޔޫރަޕާ ލީގުގެ މެޗުތައް ނޮކްއައުޓްގެ އުސޫލުން ކުޅެމުންދާ އިރު، މެންޗެސްޓަ ޔުނައިޓެޑުން ވެސް ރޭ ވަނީ މުބާރާތުގެ ސެމީ އިން ޖާގައެއް ހޯދައިފައެވެ.

އިންޓަ އާއި ބަޔާ ލެވާކުސަން ކުޅުނު މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފްގައި އިންޓާ އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ނިކޯލާ ބަރެއްލާ ލަނޑު ޖަހައި އިންޓާ އަށް ލީޑު ނަގައިދީފައި ވަނިކޮށް ލުކަކޫ ވަނީ މެޗުގެ 21 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް އިންޓަގެ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑާ އެކު ލުކާކޫ ވަނީ ޔޫރަޕާ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ކާމިޔާބު ކުރުމުގެ ރެކޯޑެއް ހަދައިފައެވެ.. މިއީ އޭނާ މި ސީޒަންގައި ކާމިޔާބު ކުރި 31 ވަނަ ލަނޑެވެ. ބަޔާ ލެވާކޫސެންގެ ހަމައެކަނި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކެވިން ވޮލާންޑްގެ އެހީތެރި ކަމާއި އެކު ކައި ހަވޭޓްޒް ވަނީ ކާަމިޔާބު ކޮށްފައެވެ.

މި މެޗުން އިންޓާ މޮޅުވުމާއި އެކު ސެމީގައި އެ ޓީމު ނިކުންނަން ޖެހޭނީ މިރޭ ބަސެލް އާއި ޝާކްޓާރް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.