ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ޕީއެސްޖީ އާއި އެޓަލަންޓާ ބައްދަލު ކުރި މެޗު ފަަހަތުން އަރައި ޕީއެސްޖީ އިން ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ރޭގެ މެޗުން މޮޅުވެ ޕީއެސްޖީ ސެމީއަށް ދަތުރު ކުރުމާއި އެކު ވެގެން ގޮސްފައިވަނީ އެ ޓީމު 25 އަހަރު ތެރޭ ސެމީއިން ޖާގަ ހޯދި ފުރަތަމަ ފަހަރަށެވެ.

ޕީއެސްޖީއިން މެޗު ކާމިޔާބު ކުރީ ފަހު ވަގުތު އެ ޓީމުން ޖެހި ދެ ލަނޑާއެކު 2-1 ގެ ނަތީޖާ އަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޕީއެސްޖީގެ ތަރި ނޭމާ އަށް ވަނީ ލަނޑު ޖަހާނޭ ރަނުގެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރު ވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު 27 ވަނަ މިނަޓްގައި އެޓަލަންޓާއިން ވަނީ ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ލަނޑަކީ ޑުވަން ޒަޕަޓާގެ އެހީތެރި ކަމާއި އެކު މާރިއޯ ޕަސަލިޗް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފްގައި ޕީއެސްޖީއަށް ވަނީ ފުލުފުލުގައި ލަނޑު ޖަހާނޭ ގިނަ ފުރުސަތު ތަކެއް ލިބި ބޭނުން ނުހިފިފައެވެ. ފަހަތުން އަރައި ޕީއެސްޖީ އިން ނަތީޖާާ އަނބުރާލީ ފަހު ވަގުތުގައި ފުލުފުލު ގައި ކާމިޔާބުކުރި ދެ ލަނޑާަ އެކުގައެވެ. އެގޮތުން ޕީއެސްޖީގެ ފުރަތަމަ ލަނޑު ނޭމާގެ އެހީތެރި ކަމާ އެކު މާކިނިއޯސް ވަނީ މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށް އެއްވަރު ކޮށްފައެވެ.

އޭގެ ތިން މިނެޓު ފަހުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުތް އެމްބާޕޭ ހޯދައިދިން ފުރުސަތެއްގައި ޗޫޕޯ-މޯޓިން ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީ ސެމީން ޖާގަ ހޯދައި ދީފައެވެ. މި މެޗުގައި ނޭމާ ވަނީ 17 ޑްރިބްލިން ފުރިހަމަކޮށް ޗެންޕިއަންސް ލީގުގައި އެންމެ ގިނަ ޑްރިބަލް ހެދި ރެކޯޑު ހޯދާފައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ފުުރަތަމަ ޖާގަ ޕީއެސްޖީ އިން ހޯދާފައި ވުމާއެކު އެ ޓީމު ސެމީގައި ވާދަ ކުރާނީ ކުއާޓާގައި އެތްލެޓިކޯ އާއި އާރުބީ ލެއިޕްޒީ ވާދަކޮށް މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.