ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ އާރްބީ ލައިޕްޒިގު ބައްދަލު ކުރި މެޗު ލައިޕްޒިގުން ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ 2009 ވަނަ އަހަރު އުފެދިގެން އައި އާރުބީ ލައިޕްޒިގު ތާރީހުގައިވެސް ޔޫރަޕުގެ މުބާރާތެއްގައި ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މީގެ 11 އަހަރު ކުރިން ވުޖޫދުވި ލައިޕްޒިގަކީ މިދިޔަ ނުވަ ވަރަކަށް އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ހޯދި ޖަރުމަނަށް ނިސްބަތްވާ ތިން ވަނަ ޓީމެވެ. ލައިޕްޒިގު ސެމީގައި ކުޅޭނީ 25 އަހަރަށް ފަހު މުބާރާތުގެ ސެމީން ފުރުސަތު ހޯދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.

ލިޒްބަންގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މި މެޗު ލައިޕްޒިގުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމު ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު އެއްވެސް ޓީމަކަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވެއެވެ. ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު ދެވަނަ ހާފްފެށި ފަސްވަނަ މިނަޓްގައި ލައިޕްޒިގުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މި ލަނޑަކީ މާލެސް ސަބިޓްޒާގެ އެހީތެރި ކަމާއިއެކު ޑެނިއަލް އޮލްމޯ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 71 ވަނަ މިނެޓްގައި އެތްލެޓިކޯއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިބުނު ޕެނަލްޓީއެއްގައި އެތްލެޓިކޯއަށް ނަތީޖާ އެއްވަރު ކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގިތުގައި ކުޅެން އެރި ފެލިކްސްއެވެ. ނަމަވެސް މެޗުގެ 88 ވަނަ މިނަޓްގައި ލައިޕްޒައިގުން ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް ލީޑުނަގައި ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޓައިލާ އެޑަމްސްއެވެ.