ރޭ ޔޫއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް އާއި އިޓަލީ ބައްދަލު ކުރި މެޗު އިޓަލީއިން ކާމިޔާބު ކޮށްފިއެވެ.

ނެދަލެންޑްސް ގައި ކުޅުނު މި މެޗު އިޓަލީއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުން މޮޅުވުމާއި އެކު އިޓަލީ ވަނީ ލީގު އޭ ގްރޫޕް އެކެއްގެ އެއްވަނައަށް ޖެހިލާފައެވެ. އިޓަލީ އެއްވަނާގައި އޮތީ ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ލިބިގެނެވެ. މި މެޗުން ބަލިވެ ނެދަލެންޑްސް 3 ޕޮއިންޓާއި އެކު ދެވަނާގައި އޮތްއިރު ތިންވަނާގައި އޮތީ ގްރޫޕު ފުލުގައި އޮތް ބޮސްނިއާގެ އަތުން ކުރި ހޯދައި ޕޮލެންޑެވެ.

ރޭ ކުޅުނު މި މެޗުގައި އިޓަލީއިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން ވަނީ ނެދަލެންޑްސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއްވެސް ފޮނުވާފައެވެ. އޭގެ ބަދަލުގައި މި މެޗުގައި ނެދަލެންޑްސްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، އެޓީމުން މުޅި މެޗުގައިވެސް އިޓަލީގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައިވަނީ އެންމެ ތިން ހަމަލާއެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް އިޓަލީއިން ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ 45 ވަނަ މިނެޓްގައި ޗީރޯ އިމޮބިލޭ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ ނިކޯލޯ ބަރެއްލާއެވެ. މި މޮޅާއެކި ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީން ވަނީ މެޗަކުން ބަލިނުވެ 16 މެޗު ފުރިހަމަ ކޮށްފައެވެ. އެޓީމު އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ ސީޒަނުގެ ނޭޝަންސް ލީގުގައި ޕޯޗުގަލް އަތުންނެވެ.

މި ބައްޔާއި އެކު މިއީ މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ޕޯޗުގަލް އަތުން ބަލިވި މެޗަށްފަހު ނެދަލެންޑްސް ބަލިވި ފުރަތަމަ މެޗެވެ.