ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑާއެކު ޕޯޗުގަލުން ސްވިޑަންގެ މައްޗަށް ކުރި ހޯދައިފިއެވެ.

މި މެޗު ޕޯޗުގަލުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. ސްވިޑަންގައި ކުޅުނު މި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި މި ލަނޑާ އެކު އޭނާ ވެގެން ގޮސްފައިވަނީ ގައުމީ ޓީމަށް 100 ލަނޑު ކާމިޔާބު ކުރި ޔޫރަޕްގެ ހަމަ އެކަނި ކުޅުންތެރިޔާ އަށެވެ.

ރޮނާލްޑޯ ރެކޯޑު ހެދި މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ފެނިގެން ދިޔައީ އާދައިގެ ކުޅުމެކެވެ.

ފުރަތަމަ ހާފްގައި ޕޯޗުގަލްގެ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭޒަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބި ބޭނުން ނުހިފިފައެވެ.

މެޗުގެ 44 ވަނަ މިނެޓްގައި ސްވިޑެންގެ މިޑްފީލްޑަރު ގުސްޓާވް ސްވެންސަން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޕޯޗުގަލް އަށް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯއެވެ. ދެވަނަ ހާފު ފަށައިގެން ޕޯޗުގަލުން އެޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިިއިރު، މެޗުގެ 72 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ.

މި މޮޅާ އެކު ލީގު އޭ ގްރޫޕް ތިނެއްގެ އެއްވަނައިގައި އޮތީ ޕޯޗުގަލްއެވެ.