ޕްރާންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ނީސް ބައްދަލު ކުރި މެޗު ފަސޭހަކަމާއެކު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.

ނީސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުން ޕީއެސްޖީ މޮޅު ވުމާއެކު ވަނީ ތާވަލްގެ އަށް ވަނަ އަށް ޖެހިލައިފައެވެ. ލީގުގެ އެހާ ރަނގަޅަށް ޕީއެސްޖީއަށް ފެށިފައި ނުވާއިރު ފުރަތަމަ ކުޅުނު ދެ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

ކޮވިޑް-19 އަށް ފައްސި ވުމާ ގުޅިގެން ޒުވާން ފޯވާޑް އެމްބާޕޭ ވަނީ ކުޅުމާ ދުރުގައި ހުރުމަށްފަހު ބަލިން ރަނގަޅުވެ ރޭ މެޗުގައި ކުޅެފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި އެމްބާޕޭ އަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީގައި އޭނާ ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ހާފް ނިމެން ވަނިކޮށް ޑިމަރިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީއަށް ލީޑު ފުޅާކޮށް ދީފައެވެ.

ދެވަނަ ހާފުގައި ވެސް ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ތިން ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ޑި މާރިއާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާކީނިއޯސްއެވެ.

މި މެޗުގައި ޕީއެސްޖީގެ މުހިއްމު ބައެއް ކުޅުންތެރިން ސަސްޕެންޝަނުގެ ސަބަބުން ކުޅެފައި ނުވެއެވެ. އެގޮތުން އެ ޓީމުގެ ތަރި ނޭމާ، ޑިފެންޑަރު ކުރުޒަވާ އަދި ލިންޑުރޯ ޕެރެޑެސް ހިމެނެއެވެ. މިމެޗުން ބަލިވެ ނީސް ތާވަލްގެ 10 ވަނާގައި އޮތްއިރު ޕީއެސްޖީ ދެން ނުކުންނާނީ މި މަހުގެ 28 ވަނަ ދުވަހު ރެއިމްސްއާ ދެކޮޅަށެވެ.