ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ލޯނުގެ އެއްބަސްވުމެއްގެ ދަށުން އަނބުރާ ޔުވެންޓަސްއާ ގުޅިއްޖެއެވެ.

އެތްލެޓިކޯ މެޑްރިޑްގައި ހުރުމަށް ފަހު މޮރާޓާ ޔުވެންޓަސްއާ ގުޅެން އެއްބަސްވީ އެއް އަހަރު ދުވަހުގެ މުއްދަތަށް ލޯނުގެ އުސޫލުން ނުވަ މިލިއަން ޕައުންޑުގެ އަގަކަށެވެ. މި އެއްބަސްވުމުގެ ދަށުން ޔުވެންޓަސުން ބޭނުން ވެއްޖެނަމަ ސީޒަން ނިމުމަށް ފަހު އޭނާ ގަތުމުގެ ފުރުސަތު ލިބޭނެއެވެ. މި އެއްބަސްވުމުގައިވާ ގޮތުން ޔުވެންޓަސް އިން އޭނާ ގަންނަން ބޭނުންވެއްޖެ ނަމަ ޖެހޭނީ 41 މިލިއަން ޕައުންޑު ތިން އަހަރު ދުވަހުގެ ތެރޭގައި ދައްކާށެވެ.

މީގެއިތުރަށް އެ ކުލަބުން ބޭނުން ނަމަ އަދި އިތުރަށް އެއް އަހަރު ލޯނުގެ އުސޫލުން ނުވަ މިލިއަން ޕައުންޑަށް އޭނާ ބެހެއްޓުމުގެ އިހްތިޔާރު ލިބިގެން ދާނެއެވެ. އެއަށްފަހު އެ ކުލަބުން ބޭނުންނަމަ 2022 ވަނަ އަހަރު 32 މިލިއަން ޕައުންޑުގެ އަގަކަށް މޮރާޓާ ގަނުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ ކުރިން 2014 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު އުމުރުން 27 އަހަރުގެ މޮރާޓާ ޔުވެންޓަސަށް ކުޅެދީފައިވާ އިރު އޭނާ ވަނީ އެ ކުލަބާ އެކު ދެފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. އެއަށްފަހު ރެއާލް މެޑްރިޑް އަދި ޗެލްސީއަށް ކުޅުމަށް ފަހު މޮރާޓާ ސްޕެއިންގެ އެތްލެޓީކޯ މެޑްރިޑަށް ގުޅުނީ 18 މަސް ދުވަހުގެ ލޯނުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެތްލެޓިކޯއިން ބާސެލޯނާގެ ލުއިސް ސުއަރޭޒް ހޯދުމަށް މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފައިވާ އިރު މީގެ ކުރިން ބެލެވުނީ ސުއަރޭޒް ޔުވެންޓަސްއާ ގުޅޭނެ ކަމަށެވެ.