ރޭ އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި އެވަޓަން އަދި ނިއުކާސަލް ކުޅުނު މެޗުތަށް ކާމިޔާބުކޮށް މި ދެ ޓީމު ހަތަރު ވަނަ ބުރުގެ ޖާގަ ހޯދައިފިއެވެ.

އެވަޓަން އިން ހަތަރުވަނަ ބުރުގެ ޖާގަ ކަށަވަރު ކުރީ ރޭ ފްލީޓްވޫޑް ޓައުން އާއި ބައްދަލުކޮށް 5-2 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

މި މެޗުގައި އެވަޓަން އިން މޮޅު ކުޅުމެއް ދެއްކިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފްގައި ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓްގައި ރިޗާލިސޮން ކާމިޔާބު ކުރިއިރު ދެވަނަ ލަނޑުވެސް ކާމިޔާބު ކުރީ އޭނާއެވެ. ދެވަނަ ހާފަށް ނިކުމެ ފްލީޓްވޫޑުގެ މާކްޑުފީ ލަނޑެއް ކާމިޔާބުކޮށް ލީޑު އެއްލަނޑަށް ކުޑަކުރިއިރު އޭގެ އެއްމިނެޓް ފަހުން އެވަޓަން އިން އަނެއްކާވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެލެކްސް ލޮބީ އެވަޓަނަށް ކާމިޔާބު ކޮށްދިން އިރު މެޗުގެ 58 ވަނަ މިނެޓްގައި ކެމްޕަސް ވަނީ ފްލީޓްވޫޑުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އެވަޓަންގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ ބާނާޑް އާއި މޮއިސް ކީނެވެ.

ރޭ ނިއުކާސްޓަލުން ހަތަރު ވަނަ ބުރަށް ދަތުރުކުރީ މޯކަމްބޭ އާއި ބައްދަލުކޮށް 7-0 ގެ ފަރަގު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައިވެސް ނިއުކާސްޓަލުން ވަނީ ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ޖޮއިލިންޓޮން ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު 20 ވަނަ މިނެޓްގައި މިގުއެލް އަލްމިރޮން ވަނީ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އޭގެ ހަތް މިނެޓްފަހުން މުރްޕީ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރި އިރު ޖޮއިލިންޓޮން ވަނީ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ދީފައެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް ނިއުކާސްޓަަލަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ހައިޑެނެވެ. ދެވަނަ ހާފްގައި ނިއުކާސްޓަލުން އިތުރު ދެ ލަނޑު ކާމިޔާބު ކުރިއިރު ފަހު ލަނޑަކީ މެޗުގެ ފަހު ވަގުތުކޮޅު މޮކަމްބޭގެ ސަމް އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ.

ނިއުކާސްޓަލާއި އެވަޓަން ރޭ ހަތަރުވަނަ ބުރަށް ދަތުރު ކުރިއިރު ޗެލްސީ އަދި އާސެނަލުންވެސް ވަނީ ހަތަރު ވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައެވެ.